ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަސްރަށެއްގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ބޮޑެތި މަޝްރޫޢުތަކެއް އެމްޓީސީސީއާ ޙަވާލުކޮށްފި

އިތުރު ފަސް ރަށެއްގެ ތަރައްޤީގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި، ފޮޓޯ: ވުޒާރާ
އިތުރު ފަސް ރަށެއްގެ ތަރައްޤީގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި، ފޮޓޯ: ވުޒާރާ

އަތޮޅުތަކުގެ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ލަފާފުރުމުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ސަރުކާރުން ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫ އަދި ކ. މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އިތުރުން ފ. ދަރަބޫދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢެވެ. މީގެއިތުރުން ގދ. މަޑަވެލީގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ އުމްރާނީ ތަރައްޤީއަށް އިސްކަންދީގެން ފަށާ މި މަސައްކަތްތަކުގެ ސަބަބުން، ރަށްގިރުމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބި، އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.