ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏ޕެންޝަން އޮފީހުގެ އާއިލީ ހަވީރު، ބ އޭދަފުށީގައި

‏ޕެންޝަން އޮފީހުގެ އާއިލީ ހަވީރު، ބ އޭދަފުށީގައި

ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕެންޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގައި ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

‏‏މި ހަވީރަކީ މުޖުތަމަޢުގެ މެދުގައި ގުޅުން ބަދަހިކޮށް، މާމައިންނާ ކާފައިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ‏‏ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.‏

‏މި އިވެންޓުގައި އޭދަފުށީގެ އެކި މުއައްސަސާތަކުގެ ސްޓޯލްތައް ބަހައްޓާފައިވާއިރު، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ވެސް ‏‏ބައިވެރިވެވޭނެ ފަދަ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއި ބޭނުންތެރި މަޢުލޫމާތުތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މި ‏‏ސްޓޯލްތަކުގެ ޒަރީޢާއިން އެކި މުއައްސަސާތަކުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، ތަފާތު ‏‏ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއިލީ ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކަށް ލިބިގެންދިޔައެވެ.‏

‏ޕެންޝަން އޮފީހުގެ ސްޓޯލް ޚާއްޞަކުރެވިފައިވަނީ މާމައިންނާއި ކާފައިންގެ އަގުވަޒަންކުރުމަށާއި، ޢާއިލާތައް އެކުގައި އުފާވެރި ‏‏ހަނދާންތަކެއް ބިނާކުރުމުގެ މައްޗަށެވެ. އެގޮތުން، ކުޑަކުދިން އެކުދިންގެ މާމައާއި ކާފައަށް ޚާއްސަ މެސެޖުތައް ލިޔުމުގެ ފުރުޞަތު ‏‏ދެވުނެވެ. މީގެއިތުރުން، އާއިލީ ހަވީރުގެ ހަނދާންތައް ރައްކާކުރުމުގެ ގޮތުން، ޢާއިލާއެކުގައި ފޮޓޯ ސްޓޭޝަނުން ފޮޓޯ ނެގުމުގެ ‏‏ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައެވެ.‏

‏ސްޓޯލްތަކުގެ ޙަރަކާތްތަކުގެ އިތުރުން، މި އިވެންޓް އިތުރަށް ފުރިހަމަކޮށް، އުފާވެރި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ސްޓޭޖް ‏‏ހުށަހެޅުންތަކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިގޮތުން، ސްކޫލް ކުދިންގެ އައިޓަމްތަކާއި، މާމައިންނާއި ކާފައިންގެ ‏‏ފަރާތުން ސަޤާފީ ރައިވަރާއި، ޅެމާއި ފަރިހީގެ ހުށަހެޅުންތައް ފެނިގެންދިޔައެވެ.‏

‏މި ޢާއިލީ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ‏‏އަދި ބ. އޭދަފުށީ ކައުންސިލާ ގުޅިގެންނެވެ. މި ހަރަކާތް ހިމެނެނީ އިސްރަށްވެހިންގެ އަގުވަޒަންކޮށް، އާއިލާތަކާއި މުޖުތަމަޢުގެ ‏‏މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް މި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.‏