އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ފުޓުބޯޅައިގެ ފޯރި މުޅި ރާއްޖެއަށް ފުޅާކޮށް، އަތޮޅުތަކުގެ ޓީމުތަކަށް ދިވެހި ޕްރިމިއަރ ލީގާ ހަމައަށް ވާސިލުވުމުގެ މަގު ފަހިކޮށްދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕްގެ ދެވަނަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަންގެ 2026/2027 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނޭ މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ވާދަކުރަން ބޭނުންވާ ރަށްރަށުގެ ޓީމުތަކުން، އެފްއޭއެމްގެ ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމަށްފަހު ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމުން، އެކި ރީޖަންތަކުގައި މެޗުތައް ކުރިއަށްދާނެ ތަފުސީލީ ތާވަލު ހާމަކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
Ads by BMLރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮނިގަނޑުގެ ތެރެއިން، އެޓޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމުތަކަށް ޒޯން ބުރާއި ރީޖަނަލް ކޮލިފިކޭޝަން ކުޅުމަށްފަހު، މާލޭގައި އޮންނަ ދިވެހި ލީގު ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި މި މަރުހަލާތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މި މަހުގެ 10 ގައި ފަށާ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދާފައިވަނީ ހއ. ދިއްދޫ އަދި ގދ. ގައްދޫއެވެ.
މި ނިޒާމު އިތުރަށް ހަރުދަނާކޮށް ހިންގުމުގެ ގޮތުން އެފްއޭއެމް އިން ވަނީ ކަނޑައަޅާފައިވާ ހަތަރު ސަރަހައްދުގައި ރީޖަނަލް އޮފީސްތައް ގާއިމުކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ނޯތު ރީޖަންގެ އޮފީސް ހއ. ދިއްދޫގައި، ސެންޓްރަލް ރީޖަންގެ އޮފީސް އދ. މަހިބަދޫގައި، މާލެ ރީޖަންގެ އޮފީސް މާލޭގައި އަދި ސައުތު ރީޖަންގެ އޮފީސް ލ. ގަމުގައި ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، ބ. އޭދަފުށީގައި އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
Ads by MACL
