ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެފްޑީސީ ފްލެޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ފިޔަވަޅުތައް އަޅަނީ

އެފްޑީސީ ފްލެޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ފިޔަވަޅުތައް އަޅަނީ

އުސް އިމާރާތްތަކުން ވެއްޓި ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށްޓަކައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ހައުސިންގ ޓަވަރުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅެމުންދާ ޔުނިޓުތައް ވަކިން ދެނެގަނެ ފާހަގަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުންނެވެ. އަދި ހުރިހާ އެޕާޓްމަންޓްތަކެއްގައިވެސް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ޔުނިޓުތަކަށް އިސްކަންދީގެން އަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައި މިވަނީ ފަހަކަށް އައިސް އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އިއްޔެ ސްޓެލްކޯ ފުލެޓަކުން 2 އަހަރުގެ ކުއްޖަކު ވެއްޓި ފުރާނަ ގެއްލިފައިވާއިރު، މިދިޔަ ހޯމަ ދުވަހު އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތަކަކަށް ދަނީ ފަރުވާ ހޯދަމުންނެވެ.

މި ހާދިސާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އުސް އިމާރާތްތަކުގައި ދިރިއުޅޭއިރު ދިމާވާ މިފަދަ ނުރައްކާތަކާމެދު މުޅި މުޖުތަމަޢު ހޭލުންތެރިވުމަކީ ޤައުމީ އަދި އިންސާނީ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ވަކިން ޚާއްޞަކޮށް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނިތަކުގެ ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ތުއްތުކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގައި އާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތައް ގުޅިގެން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާތައް ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.