ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެއް މަސްދުވަހު ތިބެވޭ ގޮތަށް ހަމަޖައްސައިފި

ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެއް މަސްދުވަހު ތިބެވޭ ގޮތަށް ހަމަޖައްސައިފި

ތައިލޭންޑަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ޤައުމުގައި އެއް މަސްދުވަހުގެ މުއްދަތަށް މަޑުކުރެވޭނެ އިންތިޒާމު އެ ޤައުމުގެ ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް ހަމަޖައްސައިދީފައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ތައިލޭންޑްގެ ވިސާ ސިޔާސަތަށް ގެނައި މި ބަދަލުތައް މިދިޔަ އޮގަސްޓް މަހުގެ 31 ގައި ރަސްމީކޮށް ގެޒެޓްކޮށްފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ލުއިތަކަށް ޢަމަލުކުރަން ފަށާނެއެވެ.

މި އަހަރުގެ މެއި މަހު ތައިލޭންޑްގެ ކެބިނެޓުން ގެނައި އިޞްލާޙުތަކާއެކު ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލުމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯއާ މަޝްވަރާ ކުރައްވާފައެވެ.

ޖޫން މަހުގެ ފަހުކޮޅު ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މި މަޝްވަރާތަކަށްފަހު، ތައިލޭންޑް ސަރުކާރުން އެ ނިންމުން އަލުން މުރާޖާކޮށް، ދިވެހިންނަށް ދޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން ނިންމީ ޖުލައި މަހުގެ 14 ގައެވެ.

ތައިލޭންޑަކީ ޗުއްޓީ ހޭދަކުރުމުގެ އިތުރުން ވިޔަފާރިއާއި ޞިއްޙީ ފަރުވާއަށްވެސް ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، އަލަށް ޢަމަލުކުރަން ފަށާ މި ނިންމުމުގެ ސަބަބުން ދަތުރުވެރިންނަށް ވަރަށް ބޮޑު ތަނަވަސްކަމަކާއި ފަސޭހައެއް ލިބިގެންދާނެއެވެ.