ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރޮނގުދަމަން ފަށައިފި

ކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރޮނގުދަމަން ފަށައިފި

މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޤަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެފަދަ ސަރަޙައްދުތަކުގައި ރީނދޫ ކުލައިގެ ދެ ރޮނގު ދަމައި ފާހަގަކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން މިއަދު އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ މ. ފުލޫނިޔާ މަގާ ގުޅިފައިވާ އެކި ގޯޅިތަކުގެ ކަންމަތިތަކެވެ. އެގޮތުން އެ ސަރަހައްދުތަކަކީ ވެހިކަލް ޕާކުކުރުން މުޅިން މަނާ ސަރަޙައްދުތަކެއްކަން އަންގައިދިނުމުގެ ގޮތުން މަގުގެ ދެފަރާތުގައި ދަނީ ފާހަގަޖަހަމުންނެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މަގުތަކުގެ ކަންމަތީގައި އުޅަނދުތައް ބެހެއްޓުމަކީ މަގު ބޭނުންކުރާ އެހެން ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެ، ޓްރެފިކް ތޮއްޖެހުން އިންތިހާއަށް އިތުރުވެގެންދާ ކަމެކެވެ. އަދި މިގޮތަށް ރީނދޫ ރޮނގު ދަމާފައި ހުންނަ ސަރަޙައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ޕާކުކުރުމަކީ މަނާކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މިއީ ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށާއި ދަތުރުފަތުރުކުރާ އުޅަނދުތަކަށް ފަސޭހަ އަދި އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ ބޮޑެތި މަގުތަކާއި ކާރުބާރު ބޮޑު އެކި ސަރަޙައްދުތަކުގައި މިފަދައިން ރޮނގުދެމުމުގެ މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤަވާއިދު ބަޔާންކުރާ ގޮތުން ކަންމަތިތަކާއި ހުރަސްތަކާ ކައިރީގައި އުޅަނދު ޕާކުކުރުމަކީ އަބަދުވެސް މަނާ ކަމެކެވެ. ނަމަވެސް މާލޭގެ މަގުތަކުގައި ޕާކުކުރާނެ ޖާގަ ދަތިވުމުގެ ސަބަބުން ކަންކަންމަތީގައި އުޅަނދުތައް ތޮއްޖެހި، އަލިފާން ނިއްވާ ލޮރީތަކާއި އެމްބިއުލާންސް ފަދަ އިމަޖެންސީ ޚިދުމަތްތައް ދޭ ވެހިކަލްތަކަށް އަނބުރާލަން އުނދަގޫވުމުގެ މައްސަލަ މީގެ ކުރިންވެސް ވަނީ ބޮޑުވެފައެވެ.