ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް އޮއިލްއާއެކު މާލެއިން 3 މީހަކު ބަންދުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް އޮއިލްއާއެކު މާލެއިން 3 މީހަކު ބަންދުކޮށްފި

ވެރިރަށް މާލޭގެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާ މާއްދާ އެކުލެވޭ ވޭޕް ކާޓްރިޖްތަކަކާއެކު ޒުވާން އަންހެނަކާއި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިއްޔެ ހިންގި މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި، ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) ގެ އިތުރުން ސ. ހުޅުދޫ، ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.

މި އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެތި ވަނީ ފެނިފައެވެ. މީގެ އިތުރުން މަސްތުވާ މާއްދާތައް އެކުލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއް ވެސް އެ ތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝާވިން އާއި ޢިޝާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ. އަދި ނާހިލްގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުންނެވެ.