މާމެންދޫން 17 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި
ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ގއ. މާމެންދޫން ދެ ޒުވާނަކު އަތުލައިގެންފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އަދި އެ ރަށު ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. މި ދެ މީހުންނަކީ ވެސް އެ އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުން ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
ކޯޓު އަމުރެއްގެ ދަށުން މާމެންދޫގެ ދެ ގެއެއް ބަލައި ފާސްކޮށް، އެ ތަންތަނުން ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފުލުހުން ވަނީ ހޯދައިފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
Ads by BMLމި އޮޕަރޭޝަނަކީ އަޕަ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިހާއި، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން މިދިޔަ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. އަދި މި މައްސަލައާ ގުޅިގެން ބަލައި ފާސްކުރަންޖެހޭ އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނައިރު، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެކަނިވެސް މަގުމަތީގެ އަގު 121 މިލިއަން ރުފިޔާއަށް އަރާ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގާ ނެޓްވޯކުތަކުގެ އިސް ފަރާތްތައް އަތުލައިގަތުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
Ads by MACL
