ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންގްލަދޭޝްގެ 9 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންގްލަދޭޝްގެ 9 މީހަކު ހައްޔަރުކޮށްފި

ވެރިރަށް މާލޭގައި ހިންގަމުންދިޔަ މަސްތުވާތަކެތީގެ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، ގެސްޓްހައުސްއެއް ބަލައިފާސްކުރުމަށްފަހު ބަންގްލަދޭޝްއަށް ނިސްބަތްވާ ނުވަ ބިދޭސީއަކު އަތުލައިގެންފިއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހަފުތާގެ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި އެ ގެސްޓްހައުސް ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 46 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތޯހިދުލް އިސްލާމް (35އ)، މޮނީރް ބެޕާރީ (37އ)، ޖަކިރް މުންޝި (46އ)، އެމްޑީ އަބު ޒަބެރް ޕްރަމަނިކު (37އ)، އެމްޑީ އުސްމާން (23އ)، މޮހައްމަދު ބަބްލޫ އަލީ (34އ)، އެމްޑީ ރައިހާން (32އ)، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުހައްމަދު ރަކިބް ހޮސެއިން (30އ) އެވެ. މި އެންމެންގެ މައްސަލައިގެ ތަހުގީގީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބިދޭސީންނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ވަރުގަދަކޮށްފައިވާއިރު، މިފަދަ ކުށްތަކަށް އަރައިގަންނަ ބިދޭސީން އިމިގްރޭޝަން މެދުވެރިކޮށް ރާއްޖެއިން ޑީޕޯޓްކުރުމުގެ ސިޔާސަތެއް ވެސް ސަލާމަތީ ބާރުތަކުން މިހާރު ދަނީ ތަންފީޒުކުރަމުންނެވެ.

މީގެ އިތުރުން ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު މިދިޔަ ބުދަ ދުވަހު އަތުލައިގެންފައިވާއިރު، އިއްޔެ މާލޭގެ މާފަންނު ގެއެއް ފާސްކޮށް 1.7 ކިލޯގެ ޑްރަގާއި މަސްތުވާތަކެތި އެކުލެވޭ ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖާއި 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއަކާއެކު ތިން ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.