ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދު އައުކުރައްވައި، ސަފީރު ޒުހުރީ ފަތްކޮޅު އަރުވައިފި

ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދު އައުކުރައްވައި، ސަފީރު ޒުހުރީ ފަތްކޮޅު އަރުވައިފި

ފަލަސްޠީނުގެ ހައްޤުގައި ދިވެހިން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުން، އެ ޤައުމަށް ރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ، ސަފީރުކަމުގެ ފަތްކޮޅު ފަލަސްޠީނު ސަރުކާރާ ރަސްމީކޮށް ޙަވާލުކުރައްވައިފިއެވެ.

ވާޗުއަލްކޮށް ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ސަފީރު ޑރ. ޒުހުރީގެ ފަތްކޮޅު އެރުވީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަން އަށެވެ.

މި ބައްދަލުވުމުގައި ޑރ. ޒުހުރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި އެންމެހައި ރައްޔިތުންގެ ފަރާތްޕުޅުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސަފީރުގެ ދައުރުގެ ތެރޭގައި މި އެކުވެރިކަން އިތުރަށް ބަދަހިވެ، އައު އުސްމިންތަކަކަށް ވާސިލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ބަލައިގެން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅާ ކަމަށެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވެން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވަނީ ސަފީރު ޑރ. ޒުހުރީއަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއިން ފަލަސްޠީނާމެދު ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވައި، ސަފީރުގެ މަޤާމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރުގެ މަސްއޫލިއްޔަތުތައް ޑރ. ޒުހުރީ އަދާކުރައްވަމުން ގެންދަވާނީ ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ރާއްޖޭގައި ހުންނަވައިގެންނެވެ.