ނޭޕާލުގެ ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން އެއް މިލިއަން ރުފިޔާގެ އެހީއެއް ދީފި
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ "ޕްރައިމް މިނިސްޓާ ޑިޒާސްޓާ ރިލީފް ފަންޑު" އަށް ރާއްޖޭގެ ސަރުކާރުން އެއް މިލިއަން ރުފިޔާ ހަދިޔާކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އެހީ ދެއްވަން ނިންމެވީ ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މިފަދަ ނާޒުކު އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި އެކުވެރި ގައުމުތަކާ އެކު ދިވެހިރާއްޖެ އޮތްކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ. މި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް ވަނީ ނޭޕާލް ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ފޮނުއްވާފަ އެވެ.
މި ކާރިސާ ހިނގަން މެދުވެރިވީ ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ހިމާލިޔާ ފަރުބަދަމަތީގެ ބިޔަ ގަނޑުފެންގަނޑެއް ނުވަތަ ގްލޭސިއާއެއް ކަނޑައިގެން ވެއްޓި، އުފެދުނު ކުއްލި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުންނެވެ. މި ހާދިސާގައި މަގުތަކާއި ގެދޮރު ހަލާކުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Ads by BMLއެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މި ހާދިސާގައި ނޭޕާލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،114 އަށް އަރައިފަ އެވެ. އަދި ބޯޑަރުގެ އަނެއް ފަރާތުން ޗައިނާގެ ސަރަހައްދުން ވެސް 16 މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން 583 ބޭރުގެ ފަތުރުވެރިން ހިމެނޭހެން ޖުމްލަ 4،462 މީހަކު ވީނުވީއެއް ނޭނގި އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އދ. އިން ހާމަކޮށްފައިވާ ގޮތުގައި ނޭޕާލުގައި 65،000 އަށް ވުރެ ގިނަ މީހުން މި ވަގުތު ތިބީ ސާފު ބޯފެނާއި ސާފުތާހިރުކަމުގެ އަސާސީ ވަސީލަތްތަކުން މަހުރޫމުވެފަ އެވެ. މަގުތަކާއި ބްރިޖުތައް ހަލާކުވެ ދަތުރުފަތުރަށް ހުރަސްއެޅިފައިވީ ނަމަވެސް، މިހާތަނަށް 12،000 އެއްހާ މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި ތްރިޝޫލީ ކޯރު ސަރަހައްދުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ރެސްކިއު ޓީމުތަކުން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އެ ގައުމުން ބުނެ އެވެ.
ނޭޕާލްގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ވިދާޅުވި ގޮތުގައި ގެއްލުންތައް އިންތިހާއަށް ބޮޑުވެފައިވުމުން، ގައުމު އާރާސްތުކޮށް އަލުން އާންމު ހާލަތަކަށް ގެނައުމަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީ ބޭނުންވާނެ އެވެ.
ދިވެހިރާއްޖެ އާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1980 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. ސާކުގެ މެންބަރު ދެ ގައުމުގެ ގޮތުގައި އޮތް މި ގާތް ގުޅުމުގެ ތެރެއިން، މެޑިސިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ނޭޕާލްގައި ތައުލީމު ހާސިލުކުރަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި ސިއްހީ އަދި ތައުލީމީ ދާއިރާއިން އަބަދުވެސް ގާތް އެއްބާރުލުމެއް ދަނީ ބާއްވަމުންނެވެ.
Ads by MACL
