ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިގެންނަ ބަދަލުތަކާއެކު ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭ ފެންވަރަށް އަންނަ އަހަރުން ފެށިގެން ބަދަލުވާނެ: އިޙްސާން

މިގެންނަ ބަދަލުތަކާއެކު ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭ ފެންވަރަށް އަންނަ އަހަރުން ފެށިގެން ބަދަލުވާނެ: އިޙްސާން

ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް މިހާރު ގެންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، ކުރިއަށް އޮތް އަހަރުން ފެށިގެން ރައްޔިތުން އެދޭ ފަދަ ފުރިހަމަ އަދި ޤާބިލު ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް އެ ޚިދުމަތް ބަދަލުވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ދެއްވި ބަސްދީގަތުމެއްގައެވެ. މި ހަރަކާތުގެ ތެރެއިން ވަޒީރު ވަނީ މިހާރު ޚިދުމަތުގައި ތިއްބެވި ފުލުހުންނަށާއި ކުރީގެ ޚިދުމަތްތެރިންގެ އިތުރުން އެ ފަރާތްތަކުގެ ޢާއިލާތަކަށް ދުވަހުގެ މުނާސަބަތުގައި ތަހުނިއްޔާ އަރިސްކުރައްވާފައެވެ.

ފުލުހުންގެ ޚިދުމަތް އަސްކަރިއްޔާއިން ވަކިވެ، މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަތާ 22 އަހަރު ފާއިތުވެގެން ދިޔައިރުވެސް، މުވައްޒަފުންނާއި ތަމްރީނުތައް އިތުރުވި މިންވަރާ އެއްވަރަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރެވިފައި ނެތުމަކީ ރައްޔިތުން އެދޭ ފެންވަރުގައި ޚިދުމަތް ދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރު ހަވާލުވިއިރު އަތޮޅުތެރޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައި ކަމަށްވީ ނަމަވެސް، މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމުކޮށްފައެވެ. އަދި މިހާރު ހުރިހާ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ އެތެރޭގެ އޮނިގަނޑަށް ގެންނަންޖެހޭ މުހިންމު އިޞްލާޙީ ބަދަލުތައް މިހާރު ގެނެވިފައިވާ ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ. އަދި ޚާއްޞަ އެކި ދާއިރާތަކުން ފުލުހުންނަށް ދޭންޖެހޭ މަތީ ފެންވަރުގެ ތަމްރީނުތައް ފޯރުކޮށްދެމުން އަންނާތީ، މާތް ﷲ ގެ އިރާދަފުޅާއެކު އަންނަ އަހަރަކީ ރައްޔިތުން އެދޭ އަމާޒަށް ފުލުހުންގެ ޚިދުމަތް ވާސިލުވާނެ އަހަރެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.