ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބެލޭނެ ނިޒާމެއް ގާއިމުކޮށްފި

ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބެލޭނެ ނިޒާމެއް ގާއިމުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުން ބޭސް ލިބެން ހުރި މިންވަރު ކަށަވަރުކުރުމަށްޓަކައި، ސްޓޮކް ވަގުތުން ދެނެގަނެވޭނެ ހާއްސަ ޑިޖިޓަލް ނިޒާމެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ފާމަސީއެއްގައިވެސް ބޭހުގެ ސްޓޮކް ހުރި މިންވަރު އެ ކުންފުންޏަށް މިހާރު ވަގުތުން ބަލައިލެވޭނެ ކަމަށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވަނީ ހާމަކުރައްވާފައެވެ.

ކުރިއަށް އޮތް ތަނުގައި މި ނިޒާމު އިތުރަށް ފުޅާކޮށް، އާންމު ރައްޔިތުންނަށްވެސް ބޭސް ލިބެން ހުރި މިންވަރު އަމިއްލައަށް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ މާލެއާއި އަތޮޅުތަކުގެ ފާމަސީތަކުގައި ހުރި ސްޓޮކް ދެނެގަތުމުގައި ހުރި ދަތިތަކެވެ.

ދައުލަތުގެ ބޭސް ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް ފާމާ އުފައްދައި، އައިޖީއެމްއެޗްގައި އެ ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިގެން ހިދުމަތް ދޭން ފެށީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަގު ހެޔޮކޮށް، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު އަސާސީ ބޭސް ފޯރުކޮށްދިނުމަށެވެ. ކުންފުންޏަށް އަހަރެއްވާން ކައިރިވެފައިވާއިރު، އަހަރަކަށް ބޭނުންވާ ބޭސް ދުރާލައި ދެނެގަނެ، ބޭރުގެ ކުންފުނިތަކާ ގުޅިގެން ސީދާ ބޭސް އެތެރެކުރުމަށް މިހާތަނަށް ތިން ކުންފުންޏަކާއެކު ވަނީ އެއްބަސްވުން އެކުލަވާލާފައެވެ.

މީގެއިތުރުން އިތުރު ބޭރު ކުންފުނިތަކާއެކު އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގައި ބޭސް ރައްކާކުރާނެ ސްޓޯރޭޖްތައް ގާއިމުކުރުމާއި ހޮސްޕިޓަލުތަކުގައި އާ ފާމަސީތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން، ބޭސް ސިޓީއަކަށް ބޭނުންވާ ބޭސް ވަކި ފާމަސީއަކުން ނުލިބިއްޖެނަމަ އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއް އަންގައިދިނުމާއި، ރާއްޖެއިން މުޅިން ހުސްވެފައިވާ ބޭހެއްނަމަ އެ ފާމަސީއަކުން ވަގުތުން އޯޑަރު ޖަހައިދޭނެ އުސޫލެއް ވަނީ ހަމަޖައްސާފައެވެ.

ބޭހާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ފަސޭހައިން ފޯރުކޮށްދިނުމަށް 24 ގަޑިއިރު ހިލޭ ގުޅޭނެ ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1505 ގެ ހިދުމަތް މިހާރު ވަނީ ތައާރަފުކޮށްފައެވެ. ސްޓޭޓް ފާމާއިން އަންދާޒާކުރާ ގޮތުގައި މި ފިޔަވަޅުތަކާއެކު، އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ ބޭހުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.