ޑރ. ޝަހީމް ޕީއެންސީއަށް ސޮއިކުރައްވައިފި
އަދާލަތު ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަތުމަށްޓަކައި އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އެ ވިސްނުންފުޅު ދޫކޮށްލެއްވުމަށްފަހު ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަސްމީކޮށް ސޮއިކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެނގޭ ގޮތުގައި، ޑރ. ޝަހީމް ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވަނީ އިއްޔެގެ ތާރީޚުގައެވެ. މި ބަދަލު އައުމުގެ ކުރިން، 1 މެއި 2025 އިން ފެށިގެން އެމަނިކުފާނު ރަޖިސްޓްރީވެފައި އޮތީ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.
އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ފަހު، އެ ޕާޓީގެ އެންމެ މަތީ މަގާމަށް ކުރިމަތިލައްވާނެކަން ޑރ. ޝަހީމް ހާމަކުރެއްވީ 30 އޭޕްރީލް 2025 ގައި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެގޮތުން ޕާޓީގެ މުއައްސިސެއްގެ ގޮތުން ދިގު މުއްދަތެއްގައި ކޮށްދެއްވި ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން، ޕާޓީގެ ހިންގުމާ ހަވާލުވެވަޑައިގަތުމަށް އެތެރޭގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ކަމަށް އެ ދުވަސްވަރު ވިދާޅުވެފައިވެއެވެ.
Ads by BMLއެހެންނަމަވެސް، އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް މީހުން ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެގެން ދިޔައިރުވެސް އެމަނިކުފާނު އެ މަގާމަށް ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި އޭރު ނިންމެވި ނިންމެވުން ބަދަލުކުރެއްވި ވަކި ސަބަބެއްވެސް މިހާތަނަށް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.
ޑރ. ޝަހީމަކީ އަދާލަތު ޕާޓީ އުފެއްދުމުގެ އިތުރުން، އެ ޕާޓީގެ ސިޔާސީ އެންމެ ފާގަތި ދުވަސްވަރު ޕާޓީ ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. ނަމަވެސް، ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން އަބްދުالله ގެ ލީޑަޝިޕްގައި ޕާޓީގެ ސިޔާސަތުތަކަށް އައި ބަދަލުތަކާއެކު އާންމުންގެ އިތުބާރު ޕާޓީއަށް ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަމަށް ގިނަ ފަރާތްތަކަކުން ސިފަކުރެއެވެ.
Ads by MACL
