ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

36 ރަށެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހަވާލުކޮށްފި

36 ރަށެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހަވާލުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން، މި ސަރުކާރުން އަލަށް ފެށި 36 ރަށެއްގެ މަސައްކަތް ހިމެނޭހެން އަތޮޅުތަކުގެ 54 ރަށެއްގައި ޖުމުލަ 8،588 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ބާރަށް ކުރިއަށްދާ ކަމަށް އިމާރާތް ކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، އަލަށް ހަވާލުކުރެވުނު 36 ރަށުގެ މަޝްރޫޢުގެ ދަށުން އެކަނިވެސް 6،363 ހައުސިން ޔުނިޓު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެކި ސައިޒުތަކުގެ ފްލެޓުތަކާއި ރޯހައުސްތައް އެޅުން ހިމެނޭއިރު، މިއީ މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ އެންމެ ބޮޑު ޙިއްޞާއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައިވާ 2،250 ހައުސިން ޔުނިޓުގެ މަސައްކަތްތައްވެސް ހިމެނޭކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ޢަމާޒަކީ މި ހިނގާ 5 އަހަރުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މި ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންނާ ޙަވާލުކުރުން ކަމަށެވެ.

މީގެ އިތުރުން، އަމިއްލަ ބިންތައް އޮވެ، މާލީ ދަތިކަމާ ހުރެ ގެދޮރު އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ގެދޮރު އަޅައިދިނުމުގެ މަސައްކަތްތަކެއްވެސް ވަނީ ފަށާފައެވެ. އަދި އަމިއްލައަށް ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ލުއިފަސޭހަ ގޮތެއްގައި ހައުސިންގ ލޯނު ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންނެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ 57 ރަށެއް ފާހަގަކޮށް، އެ ރަށްރަށުގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި 100 އިން ދަށުން ހައުސިން ޔުނިޓު އަޅާ 20 ރަށަކާއި، 100 ޔުނިޓު އަޅާ 12 ރަށެއްގެ އިތުރުން 150 އާއި 200 އަށްވުރެ ގިނަ ޔުނިޓު އަޅާ ގިނަ ރަށްތަކެއް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތަކުގެ ބޯހިޔާވަހިކަމަށް އިސްކަންދެއްވައިގެން ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަވާއިރު، މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، ރަށްރަށުގައި ތިބެގެން ރައްޔިތުންނަށް އަމިއްލަ ވަޒަނުގައި ދިރިއުޅެވޭނެ ފަހި މާޙައުލެއް ޤާއިމުކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވަޢުދެވެ. މިގޮތުން ޗައިނާ އަދި އިންޑިއާގެ އިތުރުން އެކި މާލީ އިދާރާތަކާ ގުޅިގެން ގެދޮރުވެރިކަމުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.