ޚަރަދު ކުޑަކުރަން ފެނަކައިން ދިން ޚާއްސަ ޕެކޭޖާއެކު ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން ވަކިވެއްޖެ
ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މާލީ ބުރަ ކުޑަކުރުމުގެ މަޤްޞަދުގައި ތަޢާރަފުކުރި އިނާޔަތުގެ ޕެކޭޖާއެކު މިހާތަނަށް 107 މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެއެވެ.
މި ފުރުޞަތަކީ މުވައްޒަފުން މަދުކުރުމަށްޓަކައި ހަތަރު މަހުގެ މުސާރައިގެ އިނާޔަތަކާއެކު ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހުޅުވާލި ފުރުޞަތެކެވެ. ފެނަކައިގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި މުއްދަތު ހަމަވިއިރު 107 މުވައްޒަފަކު ވަނީ އެ ޕެކޭޖު އިޚްތިޔާރުކޮށް ވަޒީފާއިން ވަކިވުމަށް އެދިފައެވެ.
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި އިންޓާނަލް މެމޯގައިވާ ގޮތުން، މި ޕެކޭޖުގެ ދަށުން އަމިއްލައަށް ވަކިވާ ފަރާތްތަކަށް ހަތަރު މަހުގެ މުސާރައިގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުން ލާޒިމްކުރާ އެހެނިހެން އެންމެހައި އިނާޔަތްތައް ވެސް ހަމަޖެހިގެންދާނެއެވެ.
Ads by BMLފެނަކައަކީ ރާއްޖޭގެ އެކި ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށް ވާއިރު، މިހާރުވެސް 8،000 އެއްހާ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރަމުންދެއެވެ. ވޭތުވެދިޔަ ސަރުކާރުތަކުގައި ވަޒީފާގެ ބާޒާރާއި ކުންފުނީގެ ޙަޤީޤީ ޤާބިލުކަމަށްވުރެ އިތުރަށް ސިޔާސީ ބޭނުންތަކަށް މުވައްޒަފުން އިތުރުކޮށްފައިވާ ކަމުގެ ފާޑުކިޔުންތަކާއި ޝަކުވާތައް ވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން، ކުންފުނީގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނުން ގުނާލެވޭ ފައިސާ ނުދެއްކި ދަރަނި ބޮޑުވުމުގެ މައްސަލަތަކާއި، ވޭތުވެދިޔަ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތައް އޮޑިޓް އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ވެސް ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް، އިސްލާޙީ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފެނަކަ އަލުން ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ހިނގަމުންނެވެ. މިގޮތުން ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ވަނީ މީގެ ކުރިން އިޢުލާނުކޮށްފައެވެ.
މި ޕެކޭޖުގެ ދަށުން މުވައްޒަފުން މަދުކުރުމަކީ ކުންފުނީގެ މުސާރައިގެ ބަޖެޓުން ބޮޑު ޚަރަދެއް ސަލާމަތްވެ، ކުންފުނީގެ ދެމެހެއްޓެނިވި މާލީ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފެނަކައިން ދެކެއެވެ.
Ads by MACL
