ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏ދިވެހިރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ‏‏ފައިނޭންސިންގ ފެސިލިޓީއާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމުގެ ސޮއިކޮށްފި‏

‏ދިވެހިރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ‏‏ފައިނޭންސިންގ ފެސިލިޓީއާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމުގެ ސޮއިކޮށްފި‏

‏ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު ‏‏1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ފަސް އަހަރު ދުވަހުގެ ‏‏މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި އަދި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ޕްރައިވެޓް ‏‏ސެކްޓަރގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފެސިލީޓީތައް ހަމަޖެއްސުމަށްވަނީ އެއްބަސްވެފައެވެ. ‏

‏2026 އިން 2031 އަށް ދެމިގެންދާ މި އެއްބަސްވުމުގައި ސޮއިކުރީ އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ ‏‏އަދީބު ޔޫސުފް އަލް-އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް ‏‏އެންޓަރޕްރައިޒަސްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ‏‏ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަދި ރާއްޖެއިން އިސްލާމިކް ‏‏ޑިވެލޮޕްމަންޓް ބޭންކުގެ ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ. ‏

‏މި ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ‏‏ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޝަރުތު ‏‏ހަމަވާ އަމިއްލަ ކުންފުނިތަކަށްވެސް މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ‏‏ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި، ބައިނަލްއަގުވާމީ ‏‏ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ‏‏ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.‏

‏މިހަފްލާގައި ވާހަކަދައްކަވަމުން، މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، އައި.ޓީ.އެފް.ސީ އުފެދުނީއްސުރެ ‏‏ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް ‏‏އަމާޒުކޮށްދިން އެހީތެރިކަން، މިހާރު ވަނީ ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި ‏‏ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޭ ‏‏އެހީތެރިކަން ހިމެނެއެވެ.‏

‏ޚާއްޞަކޮށް 2017 ވަނަ އަހަރުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް ދެމުންދާ ‏‏ޓްރޭޑް ފައިނޭންސް ފެސިލިޓީއަކީ މި ގުޅުމުގެ މުހިންމު ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ފެސިލިޓީގެ ‏‏ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ދައުލަތުގެ ވިޔަފާރި ‏‏މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.‏

‏އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު އަލް-އާމާ ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ގިނަ ‏‏އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރ އާއި އޮންނަ ‏‏ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.‏
‏މި އެއްބަސްވުމަކީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ‏‏ސޮއިކުރެވުނު އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން އައި.ޓީ.އެފް.ސީ އިން 1.5 ބިލިއަން ޑޮލަރުގެ އެހީ ‏‏ރާއްޖެއަށް ކަނޑައެޅިކަމުގައިވިޔަސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. 2008 ވަނަ ‏‏އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ‏‏ފޯރުކޮށްދީފައެވެ.‏

‏އިންޖިނިއަރ އަދީބު އަލް-އާމާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ‏‏ފައިނޭންސް މިނިސްޓަރ ހަސަން ޒަރީރާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރައްވައި، ‏‏އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން އެސް.ޓީ.އޯގެ ‏‏އިސްވެރިންނާ ބައްދަލުކުރައްވައި، އެ އިދާރާގެ ބައެއް ފެސިލިޓީތައްވެސް ބައްލަވާލެއްވިއެވެ.‏

‏އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ‏‏ގްރޫޕްގެ މުއައްސަސާއެކެވެ. މި ކޯޕަރޭޝަން އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ‏‏ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، އޭގެ ޒަރީޢާއިން މުޅި ‏‏ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ‏‏އެހީތެރިވެދިނުމެވެ. ޖެނުއަރީ 2008 ގައި މަސައްކަތް ފެށި މި މުއައްސަސާއިން މިހާތަނަށް އޯ.އައި.ސީގެ މެންބަރު ‏‏ޤައުމުތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިނޭންސިންގ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއާއެކު، އެ ‏‏ކޯޕަރޭޝަން ވެފައިވަނީ މެންބަރު ޤައުމުތަކުގެ ވިޔަފާރީގެ ބޭނުންތަކަށް ބޭނުންވާ ޙައްލުތައް ހޯދައިދޭ އެންމެ އިސް ‏‏މުއައްސަސާއަށެވެ‏‎.‎

‏އައި.ޓީ.އެފް.ސީގެ އަމާޒަކީ އޯ.އައި.ސީގެ މެންބަރު ޤައުމުތަކާއި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރި ކުރިއެރުވުމަށް ‏‏ބާރުއަޅާ މުހިންމު މުއައްސަސާއަކަށް ވުމެވެ. މިގޮތުން، މެންބަރު ޤައުމުތަކުގެ ކުންފުނިތަކަށް ވިޔަފާރީގެ މާލީ އެހީތެރިކަން ‏‏ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ކާމިޔާބުކަމާއެކު ވާދަކުރުމަށް ބޭނުންވާ ފަންނީ ‏‏ތަމްރީނާއި ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މި ކޯޕަރޭޝަނުން މުހިންމު ދައުރެއް އަދާކުރެއެވެ‏‎.‎