ވީއައިއޭގެ އައު ކާގޯ ޓާމިނަލުން އޮފީސް ޖާގަ ކުއްޔަށް ދޫކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްގީކޮށްފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި ހުރި އޮފީސް ޖާގަތައް ހިންގާނެ ފަރާތްތައް ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ. މި ފުރުސަތަކީ އެ އިމާރާތުގައި މިވަގުތު ހުސްކޮށް ހުރި ކާގޯ އޮފީސް ޖާގަތައް ހިންގުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ހުޅުވާލި ފުރުސަތެކެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ކަމާގުޅޭ ދާއިރާތަކުން ރަސްމީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީވެ ހުއްދަ އޮތް ކާގޯ އެއާލައިންތަކަށާއި، ކާގޯ ސޭލްސް އެޖެންޓުންނަށް މި ބީލަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވެއެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކްލިއަރިން އަދި ފޯވާޑިން އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، ކަސްޓަމްސްގެ ބްރޯކާސް ލިސްޓުގައި ހިމެނޭ ކޫރިއާ އެޖެންޓުންނަށްވެސް ފުރުސަތު އޮންނާނެއެވެ.
ބީލަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14 ވާ ހޯމަ ދުވަހުގެ ހެނދުނު 10:15 ގެ ކުރިން އެމްއޭސީއެލްގެ [ޓެންޑަރ ޕޯޓަލް] މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން ޖެހޭނެއެވެ. ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ބީލަންފޮތް ލިބެން ހުންނާނީ މި ޕޯޓަލް މެދުވެރިކޮށެވެ.
Ads by BMLބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ސެޕްޓެންބަރު 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:15 ގައި އެމްއޭސީއެލްގެ މައި އިދާރާގައެވެ. ބީލަންތައް ހުޅުވުން ކުރިއަށްދާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، ކާގޯ އޮފީސް ޖާގަތައް ހިންގަން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، އެ ކުންފުންޏަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
Ads by MACL
