ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފެނަކަ އަދި އާރްޑީސީ އުވާލަން ނިންމައިފި

ފެނަކަ އަދި އާރްޑީސީ އުވާލަން ނިންމައިފި

ފެނާއި ކަރަންޓް އަދި ނަރުދަމާ ދިނުމަށް ހަދާފައިވާ ސަރުކާރު ކުންފުނި ފެނަކަ އާއި މަގުހެދުމަށް ހާއްސަ ކުންފުނި އާރްޑީސީ އުވާލުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން އުވާލައި އެދެކުންފުނީން ކުރަމުން އައި މަސައްކަތްތައް ސްޓެލްކޯއާއި އެމްޓީސީސީއާއި ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ދެ ކުންފުނި އެއްކޮށްލުމަށް ނިންމެވި ސަބަބެއްކަމަށް ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު ވަނީ އެއް މަސައްކަތްތައް ކުރާ ކުންފުނިތަކާއި، މުވައްސަސާތައް އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފެނަކައާއި ގުޅިގެން އެކިއެކި ވާހަކަތައް އަޑުއިވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ވެސް ފެންނަން އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ފެނަކަ ރަނގަޅުކޮށް، ހިންގުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެކަމަކީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވޭނެ ކަމެއްގެ ގޮތުގައި ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރެވޭނެ ކަމަކަށް ނުވާ ކަމަށާއި އެހެން ކަމުން ސަރުކާރުން އެކަމާއި ގުޅޭ ގޮތުން ވަރަށް ފުންކޮށް ވިސްނައި، މަޝްވަރާކޮށް، ފެނަކަ އުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އާރްޑީސީ އުވާލައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އާރްޑީސީން ކުރަމުން ދަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް. އެމްޓީސީސީއަކީ ވެސް މަގު ހަދާ އަދި އެހެން އުމްރާނީ މަސައްކަތް ވެސް ކުރާ ކުންފުންޏެއް. ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތް ފޯރުކޮށްދިނުމަށް މި ބަދަލު ގެންނަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އާރްޑީސީ އުވާލެވި، އެމްޓީސީސީއާއި އެއްކޮށްލައި އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑު ކުރެވުމުން ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައިޓްސައިޒު ކުރުމުގެ ތެރެއިން މި މަރުހަލާގައި އިތުރު މުވައްޒަފުން ވެސް މަދުވެގެންދާނެ ކަމަށެވެ.