60 ހާސްރުފިޔާއިން މަތިން އާމްދަނީލިބޭ ފަރާތްތަކަށް އާސަންދަ ކަނޑާލައިފި
60 ހާސްރުފިޔާއިން މަތިން އާމްދަނީލިބޭ ފަރާތްތަކަށް އާސަންދަ ކަނޑާލުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާސަންދަ އޭގެ އެންމެ ހައްޤުވެރި ފަރާތްތަކަށް ދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ތަންފީޒީ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަމަށެވެ.
އެގޮތުން އާސަންދަ އޭގެ ހައްޤުވެރިންނަށް ދިނުމަކީ ރާއްޖެއަށް ބޭރުގެ އެހީދޭ މާލީ އެކިއެކި އިދާރާތަކުންވެސް އެދެމުންދާ ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.
މި އިސްލާހީ ބަދަލުތަކުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 277 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި އަހަރުގެ ތެރޭގައި ވެސް ޚަރަދުން ވަކި މިންވަރެއް ސަލާމަތްކުރެވޭއިރު، އަންނަ 2024 ވަނަ އަހަރު 280 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ހޭދަކުރެވޭނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގޭ އެހެނިހެން ހެޔޮ ކަންކަމަށެވެ.
Ads by BMLރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާންމު ރައްޔިތުންނަށް ލިބޭ އުސޫލުން މުއްސަނދިންނަށް ހުރިހާ ޚިދުމަތެއް ހިލޭ ލިބެންޖެހޭ ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށެވެ.
މި ނިޒާމަށް ގެނެވޭ އިތުރު ބަދަލުތަކާއި އުސޫލުތަކުގެ ފުރިހަމަ ތަފްސީލުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަބްސިޑީ އާއި އާސަންދަ ފަދަ ދައުލަތުގެ ބައިތުލްމާލުން ބޮޑެތި އަދަދުތަކުން ކުރާ ހޭދަ އޭގެ ހައްޤުވެރިންނަށް ދިނުމަކީ ބޭރުގެ ކަމާބެހޭ މާލީ އިދާރާތަކުން އަބަދުމެ ފާހަގަކުރަމުން އަންނަ ކަމެކެވެ.
މިގޮތުން ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އައިއެމްއެފް އަދި ވަރލްޑްބޭންކުން ނެރޭ ކޮންމެ ރިޕޯޓެއްގައިވެސް އެކަން ފާހަގަކުރަމުންދިޔަ ނަމަވެސް މިއަދާ ހަމަޔަށް އާއިރުވެސް އެކަންކަން ތަންފީޒު ނުކުރެވޭކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
