300 އަށް ވުރެ ގިނަ މީހުންނާ އެކު ބީއެމްއެލް އިން ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑެއް ހަދައިފި
ކަނޑުފަޅުތަކުގެ ހިމާޔަތަށް ހޭލުންތެރިކަން އުފެއްދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއްގައި، އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިން ހެދުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއިން ގާއިމުކޮށްފި އެވެ.
މި ތާރީޚީ ރެކޯޑު ގާއިމުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަރަކާތުގައި ޖުމްލަ 314 މީހުން ބައިވެރިވެގެންނެވެ. މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންގެ އިތުރުން ރިސޯޓުގެ މެނޭޖްމަންޓާއި މުވައްޒަފުން އަދި އެ ވަގުތު ޗުއްޓީ ހޭދަކުރަމުންދިޔަ ބޭރުގެ ފަތުރުވެރިން ވެސް އަމަލީ ގޮތުން ބައިވެރިވި އެވެ.
މި ހަރަކާތުގައި ގިނިސް ވޯލްޑް ރެކޯޑުން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށް ފަހު، ރަސްމީ ސެޓްފިކެޓް ވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ކުރުނބާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއާއާ ހަވާލުކޮށްފަ އެވެ.
Ads by BMLބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ދިރިއުޅުމާއި އިގްތިސާދުގެ މައިބަދަ ކަމުގައިވާ ކަނޑުފަޅުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަން މުޖުތަމައަށް ހަނދާންކޮށްދިނުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ ގައުމީ މަސައްކަތުގައި ވަކިވަކި ފަރުދުންނަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމެވެ.
މި ހަރަކާތަކީ ބީއެމްއެލްގެ ތިމާވެށީގެ އިސްނެގުންތަކުގެ ތެރޭގައި ހިމެނޭ 'އީއެންވީ ޕީއޯއެސް' ޕްރޮގްރާމްގެ ދަށުން ރާވައިގެން ހިންގި ހަރަކާތެކެވެ. އެ ޕްރޮގްރާމަކީ ބޭންކުގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ތިމާވެށީގެ އެކި ހަރަކާތްތަކަށް ހޭދަކުރުމަށް އެކުލަވާލާފައިވާ ހާއްސަ ނިޒާމެކެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި މަދުކޮށް، އެ ތަކެތި ރީސައިކަލް ކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމަށް ޕާލޭ މޯލްޑިވްސް އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) ފަދަ ޖަމިއްޔާތަކާ ގުޅިގެން ވެސް ބީއެމްއެލް އިން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކަނޑުފަޅުގެ ދިރުންތަކަށް ދުނިޔޭގެ ސަމާލުކަން ހޯދައިދިނުމަށް ރާއްޖޭގައި މީގެ ކުރިން ވެސް ތާރީޚީ މިފަދަ ހަރަކާތްތައް ވަނީ ބާއްވާފަ އެވެ. އެގޮތުން މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލުމަށް 2009 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމާއި، މިނިވަން 50 ފާހަގަކުރުމަށް އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ފީނައިގެން ގާއިމުކުރި ދުނިޔޭގެ ރެކޯޑު ފަދަ ކަންކަން ފާހަގަކޮށްލެވެ އެވެ. ބީއެމްއެލްގެ މި ކާމިޔާބީއާ އެކު، ތިމާވެށި ހިމާޔަތްކުރުމުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދިނުމުގައި ރާއްޖެއިން އިތުރު ބޮޅެއް މިވަނީ ގުޅުވާލަދީފަ އެވެ.
Ads by MACL
