ޤައުމީ މަޞްލަޙަތުގައި ސިޔާސީ ފިކުރު އެއްކިބާކޮށް އެންމެން އެކަތިގަނޑަކަށް ވާން ރައީސް ގޮވާލައްވައިފި
ދިވެހި ޤައުމާއި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ހިންގޭ މުހިންމު ކަންކަމުގައި، ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި ކުރިން އޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ކުލުނުވެރިކަމުގެ ރިވެތި އާދަކާދަތައް މުޖުތަމަޢުގެ ތެރެއިން ފަނޑުވެ، ނެތެމުންދާ ކަމަށެވެ. އަދި އަވައްޓެރިންނާއި، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނަށް އިޙްތިރާމްކުރުމުގެ އާދަ އަލުން އަނބުރާ ގެނައުމަކީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރިވެތި އަޚްލާޤީ ސިފަތައް އަލުން ދިރުވައި އާލާކުރުމުގެ ގޮތުން "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ. ރާއްޖޭގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ މި މަޝްރޫޢަކީ ދިވެހީންގެ އިޖުތިމާޢީ ފޭރާމާއި އަޚްލާޤީ މިންގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ފަށާ ޚާއްޞަ އިސްނެގުމެކެވެ.
Ads by BMLއެހެންނަމަވެސް، މިފަދަ ޤައުމީ އަދި އިޖުތިމާޢީ މުހިންމު މަޝްރޫޢެއް ފެށުމަށްޓަކައި ސަރުކާރުގެ ފަރާތުން ދިން ދަޢުވަތު އިދިކޮޅު ސިޔާސީ ޕާޓީތަކުން ޤަބޫލުކޮށްފައި ނުވާތީ ރައީސް ވަނީ ހިތާމަފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމަށް ފައިދާހުރި މިފަދަ ކަންކަމުގައި ކޮންމެ ފިކުރެއްގެ ބަޔަކު ވިޔަސް އެއްބަސްވެ، އެއް އަޑަކުން ވާހަކަދައްކަން ޖެހޭނެ ކަމަށާއި، މި މަސައްކަތުގައި ސިޔާސީ ޕާޓީތަކާއި ނޫސްވެރިންގެ ފުރިހަމަ ބައިވެރިވުން އޮންނަންވާނެ ކަމަށެވެ.
މި ސަރުކާރުން މީގެ ކުރިން ވެސް ވަނީ ދިވެހިވަންތަކަމާއި ޤައުމިއްޔަތާއި އިސްލާމީ ރިވެތި އުޞޫލުތައް މުޖުތަމަޢުގައި އަށަގެންނެވުމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފައްދަވައި، "ދިވެހި ޤައުމީ ތަރިކައިގެ ދިރާސީ މަރުކަޒު" ހިމެނޭހެން ތަފާތު ޕްރޮގްރާމްތައް ފަށްޓަވާފައެވެ. އަދި ސްކޫލްތަކުގެ މަންހަޖުގެ ތެރެއިން ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމަކީވެސް މި ސިޔާސަތުގެ މުހިންމު ބަޔެކެވެ.
މީގެއިތުރުން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން ވެސް ދީނީ އަދި އަޚްލާޤީ ހޭލުންތެރިކަން އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި ނަޞޭޙަތާއި ޛިކުރު އެކުލެވޭ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
Ads by MACL
