ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަރުތައް ދިރުވުމުގެ އަމަލީ މަސައްކަތަށް ބީއެމްއެލްގެ ޓީމު ނުކުމެއްޖެ

ކުރުނބާ ރިސޯޓުގެ ފަރުތައް އާލާކުރުމުގެ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ---- ފޮޓޯ: ބީއެމްއެލް
ކުރުނބާ ރިސޯޓުގެ ފަރުތައް އާލާކުރުމުގެ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ---- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ނާޒުކު ކަނޑުފަޅުތަކުގެ ދިރުންތައް ރައްކާތެރިކޮށް، މުރަކައިގެ ބަގީޗާތައް އާލާކުރުމަށް ކުރުނބާ މޯލްޑިވްސް އިން ކުރިއަށްގެންދާ ހަރަކާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް ވެރިންނާއި މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެއްޖެ އެވެ.

މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އަދި ކުރުނބާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބޭރުގެ ފަތުރުވެރިން ވެސް މި ހަރަކާތުގައި ބައިވެރިވެ ފަރުގެ މާހައުލުގައި މުރަކަ އިންދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

ކުރުނބާ ރިސޯޓުން ހިންގާ މި ޕްރޮގްރާމަކީ ފަތުރުވެރިންނާއި އާންމުންގެ މެދުގައި ކަނޑުގެ މާހައުލަށް ހޭލުންތެރިކަން އިތުރުކޮށް، ފަރުތައް އާލާކުރުމުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓުގެ ގޮތުގައި ފާހަގަކުރެވޭ ކުރުނބާ މޯލްޑިވްސް އަކީ ތިމާވެށި ހިމާޔަތްކުރުމުގެ ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ކުރިއަށްގެންދާ ތަނެކެވެ.

ބީއެމްއެލްގެ މި ބައިވެރިވުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ގާ ހުދުވުމުގެ މައްސަލަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ދެމެހެއްޓެނިވި ތިމާވެއްޓަކަށް ބާރުއެޅުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ. ފަރުތައް މަރުވުމުގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި ޒަމާނީ އެކި އުކުޅުތައް ބޭނުންކޮށްގެން މުރަކަ އިންދުމުގެ މަސައްކަތަކީ މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމެކެވެ.

މީގެ އިތުރުން ވެސް ގައުމީ ބޭންކުން އަންނަނީ ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަޝްރޫއުތަކަށް އެހީތެރިކަން ދެމުންނެވެ. އެގޮތުން ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ ކޮރަލް ފާމް އިނިޝިއޭޓިވްގެ އިތުރުން، ގދ. ވާދޫ އެސޯސިއޭޝަން ފޮ ފިއުޗަ ޑިވެލޮޕްމަންޓުން ހިންގި މުރަކަ އިންދުމުގެ މަޝްރޫއަށް ވެސް ބީއެމްއެލް އިން ވަނީ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.