ޕެންޝަން ބޯޑު ބޮޑުކޮށް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް ހިންގަމުން އަންނަ ޕެންޝަން އޮފީހުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކޮށް، އެ އޮފީހުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް މުހިންމު އިސްލާހުތަކެއް ގެނެސް އެކަން ރަސްމީކޮށް އާންމުކޮށްފިއެވެ. ގެޒެޓުކުރި އާ ގަވަނަންސް ކޯޑާއެކު މީގެކުރިން އަށް މެންބަރުންގެ މައްޗަށް އެކުލެވިގެންވީ ބޯޑު ވަނީ ނުވަ މެންބަރުންގެ ބޯޑަކަށް ބަދަލުކޮށްފައެވެ.
އަލަށް ގެނައި ބަދަލުތަކުގެ ދަށުން ބޯޑުގައި ހިމެނޭނީ ބޯޑުގެ ޗެއާޕާސަންގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން އައްޔަނުކުރާ ފަސް މެންބަރުންނެވެ. މީގެއިތުރުން ސަރުކާރުގެ ތިން ވުޒާރާއެއް ކަމަށްވާ ވަޒީފާއާ ބެހޭ ވުޒާރާއާއި، ޕަބްލިކް ފައިނޭންސް ބަލަހައްޓާ މާލީ ވުޒާރާ އަދި ސޯޝަލް ސެކިއުރިޓީއާ ބެހޭ ވުޒާރާ ތަމްސީލުކުރާ ސީނިއާ ސިވިލް ސާވިސް މުވައްޒަފުން މި ބޯޑުގައި ހިމެނޭނެއެވެ.
މި އިސްލާހާއެކު އޮފީހުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި އިދާރީ އަދި ހިންގުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ ފުރިހަމަ ބާރާއި މަސްއޫލިއްޔަތު ވަނީ ސީއީއޯގެ ދަށަށް ދޫކޮށްލާފައެވެ. އަދި ބޯޑުން ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސީއީއޯގެ ލަފަޔާއި އިރުޝާދުގެ ދަށުން މެނޭޖުމަންޓުން ކަމަށް ވެސް އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
Ads by BMLޕެންޝަން އޮފީހުގެ ގަވަނަންސް އޮނިގަނޑަށް މި ބޮޑު ބަދަލު މި ގެނައީ، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ވިއްކާލުމަށްފަހު ސަރުކާރުގެ އާ ބޮންޑަކަށް އަލުން އިންވެސްޓުކުރުމާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މި ނިންމުމަކީ އިގުތިޞާދީ ގޮތުންނާއި ފަންޑުގެ ރައްކާތެރިކަމަށް ބަލާއިރު ގެއްލުންހުރި ކަމެއް ކަމަށް ބުނެ، އޭރުގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒާއި، ސީއީއޯ ސުޖާތާ ޙަލީމް އަދި ސީއެފްއޯ ޙައްވާ ފަޖުވާގެ އިތުރުން ޕްރައިވެޓް ސެކްޓާ ތަމްސީލުކުރެއްވި ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އެ ބޭފުޅުންގެ އިސްތިއުފާއަށް ފަހު، މިހާރު ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދަވަނީ ޢަބްދުލްމަޖީދު ޢަލީއެވެ.
Ads by MACL
