3 ވުޒާރާއެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ މައްސަލައިގައި ޔާމީން ފުލުހަށް ހާޒިރުވާން ދެކޮޅުހައްދަވައިފި
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު ދެކޮޅުހައްދަވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު އެ ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ.
އެ ހާދިސާއާ ގުޅުވައިގެން 2026 ސެޕްޓެމްބަރު 5 ވަނަ ދުވަހު ޕީއެންއެފް ފްރަންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓެއް ހަވާލުކުރުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
Ads by BMLފުލުހުން ހާމަކުރި ގޮތުގައި 2026 ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ރޭގަނޑު 18:40 ހާއިރު ރައީސް ޔާމީންގެ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ގޮސް އެ ޗިޓް ހަވާލުކުރަން މަސައްކަތްކުރުމުން، ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. އަދި އެ ޗިޓާ ހަވާލުވެވަޑައިނުގެން، ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކޮށް ސުވާލުތައް ލިޔުމުން ފޮނުވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަ ނުދެއްކުމަށާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ކުރެވޭ ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
Ads by MACL
