ޑޮލަރުގެ ވަގު ވިޔަފާރި ހުއްޓުވަން ފުލުހުން ފެށި އޮޕަރޭޝަނުގައި ބިދޭސީއަކު ހައްޔަރުކޮށް، އެތައް ބައެއްގެ މައްސަލަ ބަލަން ފަށައިފި
ގަވައިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމާއި ވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ހުޅުވާލި ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ގިނަ ބައެއްގެ މައްސަލަތައް ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ގަވައިދާ ހިލާފަށް ކުރާ ބޭރު ފައިސާގެ މުއާމަލާތްތައް ރިޕޯޓްކުރަން ހާއްސަކުރި ހޮޓްލައިނަށް މިހާތަނަށް 65 މެސެޖެއް ވަނީ ލިބިފައެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި އެފަދަ ވިޔަފާރިތަކުގައި އުޅޭ 27 ބިދޭސީއެއްގެ އިތުރުން، ހުއްދަ ނުނަގައި ބޭރު ފައިސާ ގަނެވިއްކާ 18 ތަނަކާއި ބޮޑު އަގުގައި ޑޮލަރު ވިއްކާ ހަތަރު ތަނެއްގެ ތަފުސީލު ހިމެނެއެވެ. މީގެއިތުރުން ވަގަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ އޮންލައިން 16 ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލަތަކާ ގުޅިގެން އިމިގްރޭޝަނާ ހަވާލުކުރި ބިދޭސީ މީހާގެ އިތުރުން، ރިޕޯޓްކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތުތައް ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިފަދަ އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
Ads by BMLޑޮލަރުގެ ވަގު ވިޔަފާރި ހުއްޓުވުމަށް ފުލުހުންގެ ހަރަކާތްތައް ވަރުގަދަކުރީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އެފަދަ މުއާމަލާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭނެ ގޮތް ހަމަޖެހުމާ ގުޅިގެންނެވެ. އެގޮތުން މި މަހުގެ އެއްވަނަ ދުވަހު ވެސް ވަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ މަނީ އެކްސްޗޭންޖު ލައިސަންސް ނެތި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ކުންފުންޏެއް ކަމަށްވާ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ގެ އޮފީސް ރެއިޑްކޮށްފައެވެ.
ނައިޑް އިންވެސްޓްމެންޓަކީ ރ. އަތޮޅުގައި ހިންގާ ފުރަވެރި މޯލްޑިވްސް ރިސޯޓުގެ އިތުރުން، ނިޔާޒް ސްޓޯރާއި ޕޭޖް ހާޑްވެއާ އަދި ނައިޑްގެ ނަމުގައި ހިންގާ އެހެން ފިހާރަތަކާ ވެސް ގުޅުން އޮންނަ ކުންފުންޏެކެވެ.
Ads by MACL
