ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިދިޔަ މަހު ތެލަސީމިއާ އެލަވަންސަށް 535 މީހަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިދިޔަ މަހު ތެލަސީމިއާ އެލަވަންސަށް 535 މީހަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ދައުލަތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ ހާއްސަ މާލީ އިނާޔަތުގެ ގޮތުގައި މިދިޔަ މަހު އެކަނިވެސް 535 މީހަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ އެލަވަންސްގެ ގޮތުގައި ޖުމްލަ 1،070،000 ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި އެލަވަންސް އަލަށް ލިބެން ފެށި ހަތަރު ފަރާތެއް ވެސް ހިމެނޭ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން މިއަހަރުގެ ޖެނުއަރީން ފެށިގެން ދެމުން އަންނަ މި އެހީގެ ދަށުން، ގައުމީ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށް މަހަކު 2،000 ރުފިޔާ ޖަމާކޮށްދެއެވެ. މި އެލަވަންސަކީ ފަރުވާ ހޯދުމަށް އަތޮޅުތަކުން މާލެ ސަރަހައްދަށް ދަތުރުކުރަންޖެހޭ އާއިލާތަކުގެ ދަތުރުފަތުރާއި އެހެނިހެން ޒަރޫރީ ޚަރަދުތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާ އެހީއެކެވެ.

މާލީ އެހީތެރިކަމުގެ އިތުރުން ތެލަސީމިއާއަށް ފަރުވާ ދިނުމުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޒަކާތު ފަންޑާއި އާސަންދައިގެ އެހީގައި ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު އިތުރުކޮށް، ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކޮށް ލޭ ރައްކާކުރުމުގެ ގާބިލުކަމާއި އެނދުގެ ޖާގަ ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން ކައިވެނީގެ ކުރިން ހަދަންޖެހޭ ޑީއެންއޭ ޓެސްޓުތައް ހިލޭ ހެދޭނެ ގޮތް އާސަންދަ މެދުވެރިކޮށް މިހާރު ވަނީ ފަހިކޮށްދީފައެވެ. އަދި ދިގު މުއްދަތުގެ ހައްލެއްގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތެލަސީމިއާއަށް ހާއްސަ ފުރިހަމަ ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި 17،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.