ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަށްވެހިކަން ދޫކޮށްލުމުން ބޮޑެތި ފީތައް ނަގާތީ އެލްޖީއޭއިން އުސޫލެއް ހަދަނީ

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް --- ފޮޓޯ: އެލްޖީއޭ
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް --- ފޮޓޯ: އެލްޖީއޭ

ރަށްރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ބައެއް ކައުންސިލްތަކުން އެތައް ހާސް ރުފިޔާއެއްގެ ބޮޑެތި ފީތައް ނަގަމުންދާ މައްސަލަ ހޫނުވެ، އެކަން ހުއްޓުވައި ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ޚާއްޞަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުން ރަށްވެހިކަން ބަދަލުކުރާނަމަ އިދާރީ ފީގެ ގޮތުގައި 5،000 ރުފިޔާއާ ހަމައަށް ވެސް ނަގަން ފަށާފައިވާތީ އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ އާންމު ރައްޔިތުންނަށް އުފުލަން ޖެހޭ ވަރަށް ބޮޑު މާލީ ބުރައެއް ކަމަށާއި، މިސާލަކަށް ދެމަފިރިއަކާއި ދަރިއަކު އެކުގައި ރަށްވެހިކަން ބަދަލުކުރާ ނަމަ އެކަނިވެސް 15،000 ރުފިޔާ ޚަރަދުވާ ހާލަތްތައް މެދުވެރިވަމުންދާ ކަމަށެވެ.

ކައުންސިލްތަކަށް ޚިދުމަތުގެ އަގު ނެގުމުގެ ބާރު ޤާނޫނުން ލިބިދީފައި އޮތް ނަމަވެސް، އެފަދަ އަގުތަކަކީ އާންމު ރައްޔިތުންނަށް އަތްފޯރާ އަދި ތަކުލީފަކަށް ނުވާނެ ފަދަ މިންވަރަކަށް ވާންޖެހޭނެ ކަމަށް ނިމާލް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކައުންސިލްތަކުން މިގޮތަށް ހިތުހުރި އަދަދަކުން ފީ ނެގުން ހުއްޓުވައި، އިންސާފުވެރި ހަމައެއް ޤާއިމުކުރުމަށްޓަކައި ވަރަށް އަވަހަށް އެލްޖީއޭއިން ރަސްމީ އުސޫލެއް އެކުލަވާލައި އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބޮޑުވެގެން ދިޔައީ ފ. ބިލެތްދޫ ކައުންސިލުން އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ކޮންމެ މީހެއްގެ އަތުން 5،000 ރުފިޔާގެ ފީއެއް ނެގުމަށާއި، އެހެން ރަށަކުން ބިލެތްދޫގެ ރަށްވެއްސަކަށް ބަދަލުވާ މީހުންނަށް 2،500 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމުމާ ގުޅިގެންނެވެ. މީގެ އިތުރުން ތ. ކިބިދޫން ރަށްވެހިކަން ދޫކުރާނަމަ 1،200 ރުފިޔާ އަދި ޅ. ހިންނަވަރުން ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 2،000 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް ވެސް ކައުންސިލްތަކުން ވަނީ ފާސްކޮށްފައެވެ.

ކައުންސިލްތަކުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ބްލޮކް ގްރާންޓް އަދި ސިޔާސީ ގޮތުން ކައުންސިލްގައި ހިމެނޭ މެންބަރުންގެ އަދަދު ކަނޑައަޅަނީ އެ ރަށެއްގެ ރަޖިސްޓްރީވެފައިވާ އާބާދީއަށް ބަލައިގެން ކަމަށްވާތީއެވެ. އާބާދީ މަދުވުމުން ކައުންސިލަށް ލިބޭ ބަޖެޓު ކުޑަވެގެންދާ މައްސަލަ ބޮޑުވެފައިވާއިރު، ތަޢުލީމާއި ވަޒީފާ އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ރަށްރަށުގެ ގިނަ ބަޔަކު ރަށްވެހިކަން ބަދަލުކުރަނީ ވެރިރަށް މާލެއަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ އެމީހަކު ދިރިއުޅޭނެ ތަނެއް އިޚްތިޔާރުކުރުމާއި އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާއިރު، ރަށްވެހިކަން ދޫކޮށްލުމަށް ބޮޑެތި އަދަދުތަކުން ފީ ކަނޑައެޅުމަކީ ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤަކަށް އެޅޭ ހުރަހެއް ކަމަށް ބުނެ ގިނަ ޢާންމުން ދަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ.