ޓެލެކޮމް އަދި ސައިބާ ފްރޯޑް ހުއްޓުވުމަށް ޗައިނާއިން އުފެއްދި އެލަޔަންސްގައި ރާއްޖެއިން ބައިވެރިވެއްޖެ
ޓެލެކޮމް އަދި ސައިބާ ފްރޯޑް ނުވަތަ ސްކޭމްތައް ހުއްޓުވުމަށް ޗައިނާއިން އިސްނަގައިގެން އެކުލަވާލި 'އިންޓަނޭޝަނަލް އެލަޔަންސް ކޮމްބެޓިން ޓެލެކޮމް އެންޑް ސައިބާ ފްރޯޑް' ގައި ދިވެހިރާއްޖެއިން މިއަދު ބައިވެރިވެއްޖެއެވެ.
މި އެލަޔަންސް އިފްތިތާހުކޮށްފައިވަނީ ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ލިއާންގްޔުއާންގް ސިޓީގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ކޯޕަރޭޝަން ފޯރަމްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނެވެ.
ޖުމްލަ 46 ގައުމު ހިމެނޭހެން ޗައިނާއިން އުފެއްދި މި އެލަޔަންސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ ވަންގް ޝިއާއޮހޮންގް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ ޓެލެކޮމް އަދި ސައިބާ ފްރޯޑް ފަދަ ކުށްތައް އެއްވެސް ގައުމަކަށް އެކަނި ނުހުއްޓުވޭނެ ކަމަށާއި، މިކަން ހުއްޓުވޭނީ ގައުމުތައް ގުޅިގެން ކަމަށެވެ. އަދި ދުނިޔެ ވަނީ މިފަދަ އެއްބައިވަންތަ ކަމަކަށް ބޭނުންވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމިއީ އދ. ގެ މުއާހަދާތަކަށާއި ގައުމުތަކުގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް އިހުތިރާމްކުރާނެ އިންކްލޫސިވް ޖަމްއިއްޔާއަކަށް ވާނެކަމަށް ވަންގް ޝިއާއޮހޮންގް ވިދާޅުވިއެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް އަދި ކްރިޕްޓޯ ކަރަންސީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ މިފަދަ ކުށްތައް ދިރާސާކޮށް އެކަންކަން ދެނެގަތުމަކީ މި އެލަޔަންސްގެ މުހިންމު ބަޔަކަށް ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ވަރުގަދަ ޖަމްއިއްޔާއަކަށް ހެދުމަށް އޭނާ ގައުމުތަކަށް ގޮވާލެއްވިއެވެ.
މި އެލަޔަންސްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިންޓެލިޖެންސް ހިއްސާކުރުން ހިމެނެއެވެ. އެގޮތުން ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމް ނެޓްވޯކްތަކުގެ މައުލޫމާތު އަވަހަށް ބަދަލުކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގައުމުތަކުގެ ފުލުހުން ގުޅިގެން ހިންގާ ރޭޑްތަކާއި ގާނޫނީ ފިޔަވަޅުތައް އެޅުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތައް ހުއްޓުވުމަށް ސަރުކާރުތައް ގުޅިގެން އެއް ނެޓްވޯކެއްގެ ތެރެއިން މަސައްކަތްކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
ސްކޭމްގެ މައްސަލަތަކަކީ ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 2،700 އަށް ވުރެ ގިނަ ސްކޭމް މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިއަން ރުފިޔާއަށްވުރެ ގިނައިން ވަނީ ގެއްލިފައެވެ. ފުލުހުން ބުނާ ގޮތުގައި 99 އިންސައްތަ ސްކޭމް ހިންގަނީ އޮންލައިން ސޯޝަލް މީޑިއާ އެކި އެޕްލިކޭޝަންތައް މެދުވެރިކޮށެވެ.
މި އެލަޔަންސް އުފެއްދުމަށް ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، މިފަދަ ކުށްތަކުގައި ރާއްޖެއިން ބޭރަށް ގެންދާ ފައިސާ ހޯދުމަށާއި މިފަދަ ކުށްތައް ހުއްޓުވުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އެހީތެރިކަން ދިވެހި ފުލުހުންނަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން ފުލުހުންގެ ގާބިލުކަން އިތުރުވެ، ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމުގެ މަސައްކަތް އަވަސްވެގެންދާނެކަމަށް ބެލެވެއެވެ. އަދި އެކި ގައުމުތަކުގެ ފުލުހުންނާ ގުޅިގެން އޮޕަރޭޝަންތައް ހިންގުމަށްވެސް މަގުފަހިވެގެންދާނެއެވެ.
Ads by MACL
