ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުން ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ ފުޅާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އިދާރާގެ ހާއްސަ ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 11 ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރޭގައި ސެލޫންތަކާއި، ވެހިކަލް މަރާމާތުކުރާ ގަރާޖުތަކާއި، ގުދަންތަކުގެ އިތުރުން ފައިސާ ބަދަލުކުރާ ތަންތަނާއި އެހެނިހެން ކުދި ވިޔަފާރިތައް ހިމެނެއެވެ.

އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 42 ބިދޭސީއެއްގެ ވިސާއާއި ސައްހަ ލިޔެކިޔުންތައް ހުރިތޯ ބަލައި ޗެކްކޮށްފައިވާއިރު، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފުވެފައިވާކަން ފާހަގަކުރެވުނު ފަސް މީހަކު ވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ކަށަވަރުކުރުމަށްޓަކައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ ކެމްޕޭނުގެ ދަށުން، ކަމާގުޅޭ އިދާރާތައް ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ވެސް އަންނަނީ މެދުކެނޑުމެއްނެތި ރެއިޑްތަކާއި އިންސްޕެކްޝަންތައް ހިންގަމުންނެވެ. މިގޮތުން ފާއިތުވި މަސްތަކުގައި މާލެއާއި ހުޅުމާލޭގެ ގިނަ އަދަދެއްގެ ސްޕާތަކާއި ކެފޭތަކާއި ވިޔަފާރިތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ގިނަ ބިދޭސީންތަކެއް ވަނީ ޑީޕޯޓްކުރުމުގެ މަރުހަލާއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެމީހުންގެ ވަނަވަރު އަވަހަށް ދެނެގަތުމަށްޓަކައި ހިންގާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ވެސް އަންނަނީ މުޅި ރާއްޖެއަށް ފުޅާކޮށް ހަލުވި ދުވެލީގައި ކުރިއަށް ގެންދަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ އެހީގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ގާނޫނީ އިމުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުމެވެ.