އެމްއެމްއޭގައި ރަޖިސްޓަރީވާންޖެހޭ މިންވަރު 25 މިލިއަން ޑޮލަރަށް މަތިކޮށް، ބޭރު ފައިސާއާބެހޭ ދެ ގަވާއިދެއް އިސްލާހުކޮށްފި
ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާއާއި މާލީ އިދާރާތައް ފިޔަވައި އެހެން ވިޔަފާރިތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީވާންޖެހޭ އާމްދަނީގެ ޝަރުތު އަހަރަކު 25 މިލިއަން ޑޮލަރަށް ބޮޑުކޮށް، ބޭރު ފައިސާއާބެހޭ ދެ ގަވާއިދަކަށް ގެނައި އިސްލާހު މިއަދު ގެޒެޓްކޮށް އަމަލުކުރަން ފަށައިފިއެވެ. މި ބަދަލާއެކު މީގެ ކުރިން އޮތް 15 މިލިއަން ޑޮލަރުގެ ލިމިޓް ވަނީ މަތިކޮށްފައެވެ.
އަލަށް ގެޒެޓްކުރި "ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" ގައިވާ ގޮތުން، މުދާ ވިއްކައިގެން ނުވަތަ ހިދުމަތް ދީގެން އަހަރަކު 25 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ މަތިން އާމްދަނީ ލިބޭ އާންމު ވިޔަފާރިތައް މަރުކަޒީ ބޭންކުގައި ރަޖިސްޓަރީވުން މަޖުބޫރުވާނެއެވެ.
މީގެ އިތުރުން "ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު" ގެ ދަށުން ބޭރު ފައިސާއިން މުއާމަލާތްތައް ހިންގޭނެ ދާއިރާތަކާއި، އެކަމަށް އެމްއެމްއޭގެ ހުއްދަ ހޯދުމުގެ ހަމަތައް ވަނީ ކަނޑައަޅާފައެވެ. އެ އުސޫލުގެ ދަށުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، އެ އަހަރަކު ބޭރު ފައިސާއިން ހޭދަކުރުމަށް ކަނޑައަޅާ ބަޖެޓުގެ ތަފްސީލު އެމްއެމްއޭއަށް ހުށަހަޅަންޖެހޭނެއެވެ.
Ads by BMLހަމައެއާއެކު، ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު މުރާޖައާކުރުމަށާއި، ފައިސާ ޖަމާކުރުމާއި މާރުކުރުމާ ގުޅޭގޮތުން އޮންނަ ޒިންމާތަކަށް ލުއި ހޯދުމަށް ވިޔަފާރިތަކުން އެދި ހުށަހެޅޭނެ ހާއްސަ މިންގަނޑުތަކެއްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުތައް އެކުލަވާލާފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިންނެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން، ރަސްމީ ރޭޓާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރުން ހުއްޓުވުމަށާއި، ބޭރު ފައިސާގެ އާމްދަނީ ބޭންކިން ނިޒާމުގެ ތެރެއިން ދައުރުވާ މިންވަރު އިތުރުކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
Ads by MACL
