ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންގެ ޑެބިޓް ކާޑުތަކުން 'ކްރޮސް ބޯޑަރ' ފީ ކެނޑުން ބީއެމްއެލްއިން ހުއްޓާލައިފި
ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާއިރު، މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުނިކުރަމުން އައި 'ކްރޮސް ބޯޑަރ' ފީ ނެގުން މިރެއިން ފެށިގެން އެ ބޭންކުން އެއްކޮށް ހުއްޓާލައިފިއެވެ.
މި ބަދަލާއެކު، ބޭރު ގައުމުތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށާއި ކިޔެވުމުގެ ޚަރަދުތަކަށް ޚާއްޞަކޮށްގެން ދޫކޮށްފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު އުނިއިތުރެއް ނެތި ފުރިހަމައަށް ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މިއީ ކިޔަވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އުފުލަންޖެހިފައިވާ މާލީ ތަކުލީފުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއް ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.
އޮޕްޝަނަލް އިޝުއަރ ފީ ނުވަތަ ކްރޮސް ބޯޑަރ ފީއަކީ، ކާޑު ލިންކުކޮށްފައިވާ އެކައުންޓުގައި ހިމެނޭ އަސްލު ފައިސާ ނޫން ބޭރު ފައިސާއަކުން މުޢާމަލާތް ކުރުމުންނާއި، ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ވިސާ އަދި މާސްޓަރކާޑު ފަދަ ބައިނަލްއަޤުވާމީ ޕޭމަންޓް ނެޓްވޯކްތަކުގެ ޚަރަދުތައް ފޫބެއްދުމަށް ބޭންކުތަކުން މުޢާމަލާތުގެ ޖުމްލަ އަދަދުން އުނިކުރާ ވަކި އިންސައްތައެކެވެ. މިއީ ބައިނަލްއަޤުވާމީ ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުކޮށް ހުރިހާ ބޭންކުތަކުންވެސް ނަގަމުން އަންނަ ފީއަކަށްވާއިރު، ރާއްޖޭގައި ބީއެމްއެލްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިހާތަނަށްވެސް މި ބާވަތުގެ މުޢާމަލާތްތަކުން ދިޔައީ މި ފީ ކަނޑަމުންނެވެ.
Ads by BMLމީގެ ކުރިން ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވި ޑޮލަރުގެ ތާށިކަމާ ގުޅިގެން ސަރުކާރުން އެދުނު އެދުމަށް ބީއެމްއެލްގެ ސްޓޫޑެންޓް ލިމިޓް 750 ޑޮލަރުން 1200 ޑޮލަރަށް ބޮޑުކުރި ނަމަވެސް، ކޮންމެ މުޢާމަލާތަކުން ކެނޑޭ ފީތަކުގެ ސަބަބުން ކަނޑައެޅިފައިވާ އަދަދު އެއްކޮށް ނުނެގޭކަމުގެ ޝަކުވާ ދަރިވަރުންގެ ފަރާތުން އަބަދުވެސް އައީ ކުރަމުންނެވެ. އެހެންކަމުން މިއަދު މި ގެނެވުނު ބަދަލާއެކު ދަރިވަރުންނަށް އެ ލިބޭ ލިމިޓްގެ ފުރިހަމަ ފައިދާ އެއްވެސް އިތުރު ކަނޑައެޅުމަކާ ނުލައި ލިބިގެންދާނެއެވެ.
Ads by MACL
