ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީގެ 25،000 އަހަރު ކުރިން އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފަށައިފި: ދިރާސާ

މީގެ 25،000 އަހަރު ކުރިން އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފަށައިފި: ދިރާސާ

އިންސާނުން މަސްތުވާތަކެތީގެ އަސަރު ހޯދުމަށް ތަފާތު ބާވަތްތައް ބޭނުންކުރަން ފެށީ މީގެ ކުރިން ސައިންސްވެރިން އަންދާޒާކުރި ޒަމާނަށްވުރެ އެތައް ހާސް އަހަރެއް ކުރިން ކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ. އިންޑޮނީޝިއާއިން ފެނުނު ދުވަސްވީ ކަށިތަކެއް ތަހުލީލުކޮށްގެން ހޯދި މި ހޯދުމުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 25،000 އަހަރު ކުރިން އުޅުނު އިންސާނުން ވެސް ވަނީ މަސްތުވުމުގެ ބޭނުމުގައި ފޯއް ބޭނުންކޮށްފައެވެ.

އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ މި ދިރާސާގައި ތަހުލީލުކޮށްފައިވަނީ އިންޑޮނީޝިއާގެ ސުލަވެސީ ރަށުގެ ހޮހަޅައަކުން ފެނުނު ދެ އިންސާނެއްގެ ދަތްޕިލައާއި ކަށިތަކެވެ. މީގެ ތެރެއިން އެއް ކަށިގަނޑަކީ މީގެ 16،000 އަހަރާއި 25،000 އަހަރާ ދެމެދުގެ ދުވަސްވީ އެއްޗަކަށްވާއިރު، ދެވަނަ ކަށިގަނޑަކީ މީގެ 6،300 އާއި 7،600 އަހަރާ ދެމެދުގެ ދުވަސްވީ ބައެކެވެ.

މި ދިރާސާ އިސްވެ ހިންގެވި ޕްރޮފެސަރު އެޑަމް ބްރަމް ފާހަގަކުރެއްވި ގޮތުގައި، މި ދެ އިންސާނުންގެ ދަތްތަކުން ފެނުނު ކުލައާއި އާދަޔާ ހިލާފު ނިޝާންތަކަކީ މަސްތުވާ މާއްދާއެއް އެކުލެވޭ އެއްޗެއް ބޭނުންކުރިކަން ސާބިތުވާ އެންމެ ދުވަސްވީ ހެއްކެވެ. ފޯކަކީ އޭގެ ޒާތުގައި ސިކުނޑީގެ މަސައްކަތްތަކަށް ބަދަލު ގެނުވައިދޭ އަދި މަސްތުގެ އަސަރު އުފައްދާ އެއްޗަކަށްވާއިރު، މިއީ އޭރުގެ ޝިކާރަކޮށްގެން އުޅުނު މީހުން މީހުންގެ ސަގާފަތާ ގުޅިފައި އޮތް އާދައެއް ކަމަށް ބެލެވެއެވެ.

މީގެ ކުރިން ތާރީޚު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކޮށްފައި އޮތީ އިންސާނުން މަސްތުވާ އެއްޗެހި ބޭނުންކުރަން ފެށީ ދަނޑުވެރިކަން ތަރައްގީވެ، ބާވަތްތައް ފަރުމާކޮށްގެން ރަލުގެ ބާވަތްތައް އުފައްދަން ފެށި ހިސާބުން، މީގެ 13،000 ވަރަކަށް އަހަރު ކުރިން ކަމަށެވެ. ނަމަވެސް މި އާ ހޯދުމުގެ ސަބަބުން، ދަނޑުވެރިކަމުގެ ކުރިން ޖަންގަލިތަކުން ކާނާ ހޯދައިގެން އުޅުނު ދުވަސްވަރު ވެސް އިންސާނުން ސިކުނޑިއަށް އަސަރުކުރުވާ ގުދުރަތީ ގަސްގަހާގެހި ދެނެގަނެ ބޭނުންކުރަން ފަށާފައިވާކަން ވަނީ ސާބިތުވެފައެވެ.

ސައިންސް އެޑްވާންސަސް މަޖައްލާގައި ޝާއިއުކުރި މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަތްތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އެ ޒަމާނުގައި ފޯއް ބޭނުންކުރުމުގެ ސަބަބުން އެމީހުންނަށް ހިރުގަނޑުގެ ބަލިތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. ފޯކުގައި ހިމެނޭ އެރެކޮލިން ފަދަ މާއްދާތަކަކީ ނިކޮޓިން ފަދައިން ސިކުނޑި ހޭލައްވާލައި ހިތުގެ ހިނގުން އަވަސްކޮށްދޭ އަދި ދެވިހިފާ އެއްޗެއްކަމަށް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހިސާބުތައް ދައްކާ ގޮތުގައި މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 600 މިލިއަނަށް ވުރެ ގިނަ މީހުން ފޯކާއި ދުފުމުގެ ބާވަތްތައް ބޭނުންކުރެއެވެ. މިއީ ދުންފަތާއި، ބަނގުރަލާއި، ކެފެއިން އަށް ފަހު ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން ބޭނުންކުރާ ސައިކޯއެކްޓިވް ނުވަތަ ސިކުނޑިއަށް ބަދަލު ގެނުވާ މާއްދާއެވެ. ޚާއްސަކޮށް ދެކުނު އޭޝިއާއާއި އިރުދެކުނު އޭޝިއާގެ ގައުމުތަކުގައި މިއީ ޒަމާންވީ ސަގާފީ އާދައަކަށް ވީނަމަވެސް، ފޯކަކީ އަނގައިގެ ކެންސަރާއި ހިރުގަނޑުގެ ބަލިތަކަށް މަގުފަހިކުރާ ވަރަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ސިއްހީ މާހިރުން ވަނީ ކަނޑައަޅާފައެވެ.