ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް

ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ވަމުންދާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ.

މި ވިއްސާރައިގައި ފޭދޫގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން އަށް މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ އެ ގެއިން މީހުން ހުސްކުރަން ޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ.

އެހެންކަމުން، އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކޮންމެހެން ބޭނުންވާ އަސާސީ އެހީތެރިކަން ކައުންސިލާ ގުޅިގެން ހަމަޖައްސައިދިނުމުގެ މަސައްކަތް އެ އިދާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.

ހަމައެއާއެކު، އައްޑޫގެ އެކި އަވަށްތަކުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމަށްޓަކައި، ކައުންސިލްތަކާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން މެދުނުކެނޑި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ނެރެފައިވާ ޔެލޯ އެލާޓް މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ދަމަހައްޓާފައިވާތީ، ވިއްސާރައިގެ އަސަރު ފޯރަމުންދާ ރަށްރަށުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.