ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިނަމާލެ ބްރިޖަށް ބޯޑެއް އެރިޔަސް ތަނބަކަށް ގެއްލުމެއް ނުވޭ: މުއްތަލިބު

ސިނަމާލެ ބްރިޖަށް ބޯޑެއް އެރިޔަސް ތަނބަކަށް ގެއްލުމެއް ނުވޭ: މުއްތަލިބު

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް ދެ ބޯޓެއް އެރުނު ނަމަވެސް، ބްރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު އެކްސްގައި ހާމަކުރެއްވި ގޮތުގައި، ބްރިޖު ބިނާކުރި ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީގެ އިންޖިނިއަރުން ވަނީ ބްރިޖު ބަލައި ފާސްކޮށްފަ އެވެ. މި އިންސްޕެކްޝަނުން ދެއްކި ގޮތުގައި ބްރިޖަށް ލިބިފައިވަނީ ހަމައެކަނި ބޭރު ފަށަލައިގެ ކުދި ގެއްލުންތަކެކެވެ. މި ގެއްލުންތައް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ކުންފުނިން މަރާމާތުކުރާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ކޮންޓްރޯލުން ނެއްޓިގެންދާ މިފަދަ އުޅަނދުތަކުގެ ސަބަބުން ބްރިޖާއި ބަނދަރު ފަދަ މުހިންމު ތަންތަނަށް ނުރައްކާވެދާނެތީ، ސަރުކާރުން އަންނަނީ އިތުރު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، މިފަދަ ހާދިސާތައް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިހާރު ކުރަމުންދެ އެވެ. ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި އުޅަނދުތައް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް މުރާޖައާކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކުއްލި ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކުރާނެ ސާފު އުސޫލުތަކެއްވެސް އެކުލަވާލާނެއެވެ.

ބްރިޖުގެ ތަނބަށް އެރި ދެ ބޯޓަކީ އެއްވެސް ހުއްދައަކާ ނުލައި ރާއްޖޭގެ ސަރަހައްދަށް ވަދެ މާލެ ކައިރީގައި ބަނދަރުކޮށްފައި ވަނިކޮށް ފެނުނު ދެ އުޅަނދެވެ. މި ދެ އުޅަނދު ރާއްޖެއަށް ވަދެފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ. މީގެ ތެރެއިން އެއް އުޅަނދަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަނޑައަޅާފައިވާ ހާއްސަ ނަންބަރުވެސް ނެތް އުޅަނދެއްކަން ފާހަގަކުރެވެއެވެ.