ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަޚްލާޤީ މައްސަލަތަކެއްގައި ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް 1.23 މިލިއަން ޑޮލަރުން ޖޫރިމަނާއެއް ކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ---
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ---

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާކަން ސާބިތުވުމާ ގުޅިގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑްކޮށް، ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ފީފާގެ އެތިކްސް ކޮމިޓީން ވަނީ ނިންމައިފައެވެ.

ފީފާއިން މިފަދަ ހަރުކަށި ފިޔަވަޅެއް އޭނާއާ ދެކޮޅަށް އެޅީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވެ މާލީ މަންފާތަކެއް ހޯދުމާއި ރިޝްވަތާއި ކޮރަޕްޝަނާ ގުޅޭ ބޮޑެތި މައްސަލަތަކެއް ތަހުގީގުކުރުމަށް ފަހު، އެ އިދާރާގެ ކޯޑް އޮފް އެތިކްސްގެ އެކި މާއްދާތަކާ އޭނާ ކަނޑައެޅިގެން ޚިލާފުވެފައިވާކަން ކަށަވަރުވުމުންނެވެ.

މި ނިންމުމާއެކު ބައްސާމަށް ދެން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފުޓްބޯޅައިގެ އެއްވެސް އިދާރީ، ކުޅިވަރު ނުވަތަ އެހެންވެސް ރަސްމީ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މީގެއިތުރުން 1.23 މިލިއަން ޑޮލަރުގެ މި ޖޫރިމަނާއަކީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ވެސް ކުޅިވަރު ހިންގުންތެރިއަކަށް ބައިނަލްއަޤްވާމީ މައި އިދާރާއަކުން ކުރި އެންމެ ބޮޑު ޖޫރިމަނާއެވެ.

އެފްއޭއެމަށް ބައިނަލްއަޤްވާމީ އިދާރާތަކުންނާއި ދައުލަތުން ދިން ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ދިވެހި ފުލުހުން ވެސް ތަހުގީގުކޮށްފައިވާއިރު، އެފްއޭއެމްގެ ފައިސާއިން އެޕާޓްމަންޓް ގަތުމާއި އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރި މައްސަލަތަކެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ވެސް ކޯޓަށް ހުށަހަޅައިފައެވެ.

ކޮރަޕްޝަނާއި ހިންގުމުގެ ބޮޑެތި މައްސަލަތަކާ ގުޅިގެން މީގެކުރިން ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑްކޮށް، އެފްއޭއެމްގެ ހިންގުން ވަގުތީ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. ނަމަވެސް އެތިކްސް ކޮމިޓީގެ ފުރިހަމަ ތަހުގީގަށްފަހު މިހާރު މިވަނީ އޭނާއަށް ދާއިމީ އަދަބެއް ކަނޑައަޅައިފައެވެ.