ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަޝީދުގެ ވެރިކަމުގައި ހިންގި 2.1 މިލިއަން ރުފިޔާގެ ވައްކަމުގެ ތަފްސީލް މިއޮތީ!

ނަޝީދުގެ ވެރިކަމުގައި ހިންގި 2.1 މިލިއަން ރުފިޔާގެ ވައްކަމުގެ ތަފްސީލް މިއޮތީ!

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ކޮންވެންޝަން ސެންޓަރުގެ ތަޅަން އެޅުމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް މެދުވެރިކޮށް އޮކްސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫއަކުން ދައުލަތަށް 2.16 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

ޖުމްލަ 2.95 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަސައްކަތަކީ ތިންވަނަ ފަރާތަކާ ހަވާލުކުރަން ނުޖެހޭ މަސައްކަތެއްކަން ފާހަގަކޮށް، އެ މަސައްކަތަށް އެންމެ ގިނަވެގެން ޚަރަދުވާނީ 786،800 ރުފިޔާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެއްބަސްވުން ހަދާފައިވަނީ ވަކިވަކި ކަންކަމަށް ހިނގާނެ ޚަރަދުތައް ތަފްސީލުކުރުމުގެ ބަދަލުގައި، މުވައްޒަފުންގެ ވިސާ އާއި، ޓިކެޓާއި، ކެއުމާއި އަދި އެކޮމޮޑޭޝަން ފަދަ ހުރިހާ ޚަރަދެއް އެއްކޮށްލައިގެން ބޮޑު އެއް އަދަދަކުންނެވެ.

މި މަޝްރޫއު ކުރިއަށްދިޔައިރު ސަދަން ޔުޓިލިޓީޒްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރީ އޭރުގެ އެމްޑީޕީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ ބޭބެ އަޙްމަދު ޒަރީރެވެ. އޮކްސީ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއް ކަމަށްވާ ޒައިޔާންއަށް މި ޕްރޮޖެކްޓް ލިބުނީ އަޙްމަދު ޒަރީރުގެ ނުފޫޒާއެކު ކަމަށް ތުހުމަތުކުރެވޭއިރު، އެ ފައިސާއިން ފަހުން ހުޅުމާލެއިން ބިމެއް ގަނެފައިވާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

އޭރުގެ ސަރުކާރުން އެ ކުންފުންޏަށް އިތުރަށް ދޫކުރި 2.16 މިލިއަން ރުފިޔާއަކީ އިންފްލޭޝަނަށް ބަލާއިރު މިއަދުގެ ނިސްބަތުން ގާތްގަނޑަކަށް 2.8 މިލިއަން ރުފިޔާއެވެ. އަދި ދައުލަތަށް ގެއްލުނު މި ފައިސާ އަނބުރާ ހޯދިފައިނުވާއިރު، މިހާރު އިކޮނޮމިކް މިނިސްޓްރީގެ ދަފްތަރުން އޮކްސީ ޕްރައިވެޓް ލިމިޓެޑްގެ ނަން ފެންނަން ނެތްކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

ސޯޝަލް މީޑިއާ އާއި ޓްވިޓަރ ފަދަ ވަސީލަތްތައް އާންމުވެފައި ނުވާ ދުވަސްވަރެއްގައި ހިނގައިދިޔަ މިފަދަ ކޮރަޕްޝަންގެ އަމަލުތައް އޭރު ސިއްރުވެފައި އޮތް ނަމަވެސް، މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން މަޝްރޫއުތަކުގެ އަގު ބޮޑުކޮށް ކޮމިޝަން ނެގުމުގެ ސަގާފަތެއްގެ ފެށުންކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. 2008 އިން 2012 އަށް ހިންގާފައިވާ މިފަދަ އިތުރު ކޮރަޕްޝަންގެ މައްސަލަތައްވެސް މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.