މުދައްރިސުންގެ ދައުރު ހަނިކުރުމަކީ ދަރިވަރުންގެ ކުރިމަގަށް އެޅޭ ހުރަހެއް: މިނިސްޓަރު ޝަފީޢު
ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގައި މުދައްރިސުންނަށް ލިބިދީފައިވާ ބާރާއި ފުރުޞަތުތައް ހަނިކޮށްފިނަމަ، އެކުދިންގެ ޙަޔާތުން ވަރަށް މުހިންމު ބައެއް އުނިވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޝަހީދު ޢަލީ ސްކޫލުގައި ފެށި ޓީޗަރުންގެ 8 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްކޫލުތައް ހިންގުމުގައި ޕްރިންސިޕަލުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވަނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ. އަދި މުޖުތަމަޢުއާ ގުޅުންބަދަހިކޮށް، ކަންކަން ނިންމުމުގައި ޓީޗަރުންނާއި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ޙާޞިލުކުރުމަށް ސަރުކާރުން މުހިންމު ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރައްވައި، މި ކޮންފަރެންސްގެ މުހިންމުކަމަށް މިނިސްޓަރު ރިއާޔަތްކުރެއްވިއެވެ. މިގޮތުން، މިފަދަ މަހާސިންތާތަކުގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، ކްލާސްރޫމްތަކުގައި ކިޔަވައިދޭ ގޮތްތައް ޒަމާނީ ދިރާސާތަކާ ގުޅުވައިލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLޓީޗަރުންގެ ފަންނީ ކުރިއެރުމަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބޮޑު ކޮންފަރެންސް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވުމަކީ، މުދައްރިސުންނާ ގުޅުންހުރި ކަންކަމަށް މި ސަރުކާރުން ދޭ ޚާއްޞަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވާއިރު، 106 ފަރާތަކުން 70 ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ ސައުތު އޭޝިއާ މެނޭޖިން ޑިރެކްޓަރު އަރުން ރާޖަމަނީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީގެ ކީނޯޓް ތަޤުރީރުތައް މި ކޮންފަރެންސްގައި އިވިގެންދާނެއެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މިފަދަ ކޮންފަރެންސްތަކަކީ ދުނިޔޭގެ ތަޢުލީމީ އޮއިވަރަށް އަންނަ ބަދަލުތަކަށް ދިވެހި މުދައްރިސުން އަހުލުވެރިކުރުވުމަށާއި، ޓީޗަރުންގެ މެދުގައި ފަންނީ ތަޖުރިބާ ޙިއްޞާކުރުމަށް ރާއްޖޭގައި ފަހިކޮށްދެވޭ ވަރަށް މުހިންމު ޕްލެޓްފޯމެކެވެ.
Ads by MACL
