ރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން: ރައީސް
ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން ނުވަސަތޭކަ އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLއިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމަޢުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާޢީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ޙަޤީޤަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނީ ފުރާނައިގެ ޙުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުޞީބާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިޞްލާޙާއެކު އުފެއްދުންތެރި، ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ މިއާއެކު މި މުނާސަބަތުގައި، ދީނީ ކަންކަމަށް ހޭދަކުރުމަށާއި އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ޚާއްޞަކޮށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ޤައުމީ ވަޤުފު ކުންފުންޏެއް އުފެއްދެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ކުންފުންޏަކީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، ދީނީ ކަންކަމަށް ހޭދަކުރެވޭނެ މާލީ ވަސީލަތްތައް ފުޅާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެހާސް ސާޅީސް ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އެކުންފުނި އަދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތާރީޚަށް ނަޒަރު ހިންގަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމަޢު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫޙު އާކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ދިވެހި ޤައުމީ ތަރައްޤީގެ ދީނީ މުސްތަޤުބަލް ކޮންމެ ފަރުދެއްގެ ހިތުން ފެށިގެން މުޅި ޖަމާޢަތަށް ފެތުރިގެންދާ ގޮތަށް ބައްޓަންކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެ އިސްލާމްވިތާ ނުވަސަތޭކަ އަހަރު ފުރުމުގެ މުނާސަބަތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ލޯގޯއާއި ޝިޢާރުވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
މި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މީގެ އިތުރުން އައްރާޖިހީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިހީއާއި ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. ހަމަމިއާއެކު ޒުވާން ޚަތީބުންނާއި ޤާރީންގެ އިތުރުން ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
Ads by MACL
