ސިނަމާލެ ބްރިޖުގެ އާބާތުރަ ފިލުވުމުގެ ހުނަރު ހޯދުމަށް ދިވެހި އިންޖިނިއަރުން ޗައިނާއަށް
ސިނަމާލެ ބްރިޖު ދިގު މުއްދަތަކަށް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ޚާއްޞަ ހުނަރުތައް ހޯދުމަށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ދިވެހި އިންޖިނިއަރުންގެ ޓީމެއް ޗައިނާއަށް ފުރަން ތައްޔާރުވެއްޖެއެވެ. ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދީގެން ފަށާ މި ތަމްރީނު ދަތުރުގެ މަޤްޞަދަކީ ބްރިޖުގެ މަރާމާތުގެ ކަންކަން ދިވެހިންގެ އަމިއްލަ ޤާބިލުކަމުގެ ތެރެއިން ކުރުމަށް މަގުފަހިކުރުމެވެ.
މި ތަމްރީނަށް ފުރަން ތައްޔާރުވަމުންދާ ޓީމާ ބައްދަލުކުރެއްވުމަށްފަހު، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވަނީ މިއީ ދިވެހި އިންޖިނިއަރުންނަށް ލިބިގެންދާ ވަރަށް އަގުހުރި ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. ސަފީރު ވިދާޅުވި ގޮތުގައި ޗައިނާގެ ތަޖުރިބާއާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި، އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ އައު ވިސްނުންތަކާއި ފަންނީ ހުނަރުތައް މި ދަތުރުގެ ތެރެއިން ދިވެހި ޓީމަށް ލިބިގެންދާނެއެވެ.
ޢިލްމާއި ހުނަރަކީ، އަދި ހަމައެހެންމެ އެކުވެރިކަމަކީވެސް ބޯޑަރުތަކެއް އޮންނަ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ސަފީރު ވަނީ، މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންޖިނިއަރުން އެނބުރި އަންނައިރު އައު ޢިލްމާއި ޚިޔާލުތަކުގެ އިތުރުން ޗައިނާއާ މެދު އައު ރަހުމަތްތެރިކަމެއް އުފެދިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ލޯނުގެ ދަށުން ބިނާކޮށް، 30 އޮގަސްޓް 2018 ގައި ހުޅުވި ސިނަމާލެ ބްރިޖަކީ މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލައިދޭ މުހިންމު ނާރެހެކެވެ. ބްރިޖު ހުޅުވީއްސުރެ މިއަދާ ހަމައަށްވެސް ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ބަލަހައްޓަމުން އައިސްފައިވަނީ ޗައިނާގެ ކުންފުނިތަކުގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް، މިފަދަ ބޮޑު އުމްރާނީ ބިނާއެއް އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހިންގެ ކިބައިގައި އަށަގަންނުވައި، ދެމެހެއްޓެނިވި ގޮތެއްގައި ބްރިޖު ބެލެހެއްޓުމަކީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
Ads by MACL
