ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު މަހެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ: އުޝާމް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ އިސްލާހުތަކާއެކު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދަށް އެދެވޭ ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި އިސްލާހުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހެއެވެ. ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ގާނޫނަށް އަމަލުކުރަން ފެށީ މި މަހުގެ އެއްވަނަ ދުވަހު ކަމަށްވާތީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ފައިސާ މާރުކުރަންޖެހޭނެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ގާނޫނާ ހިލާފު ކަމެއްކަން އުޝާމް ފާހަގަކުރެއްވިއެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
Ads by BMLރާއްޖޭގައި ބޭރު ފައިސާގެ އަގު ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ކަޅު ބާޒާރުގައި ވިއްކާ މައްސަލަ ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޭރު ފައިސާއާ ބެހޭ ގާނޫނާއި، އެމްއެމްއޭގެ ގާނޫނު އަދި ބޭންކިން ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ބަންޑާރަ ނައިބު ވަނީ އިލްތިމާސްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތައް ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
މި އިސްލާހުގެ ދަށުން ޓޫރިޒަމް ދާއިރާ ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު ވަނީ 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ކެޓެގަރީ އޭގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލައި، އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
ގެސްޓްހައުސްތައް ހިމެނޭ ކެޓެގަރީ ބީގެ ތަންތަނުން އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ ވިއްކުންތަކުގެ 20 އިންސައްތަ މާރުކުރަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެމްއޭގެ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމާއި ޕްރޮމޯޓު ކުރުން ވަނީ މަނާކޮށްފައެވެ. ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫންވެސް ގޮތަކަށް ކަޅު ބާޒާރުގެ ރޭޓުތައް ހާމަކުރުމާއި ފެތުރުމަކީވެސް މިހާރު ކުށެކެވެ.
Ads by MACL
