ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ހުރީ ސަރުކާރު ހަވާލުވި އިރަށްވުރެ ދަށުގައި: މިނިސްޓަރު ސައީދު
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރި މިންވަރަށްވުރެ މިހާރު އެ ރޭޓު ދަށަށް ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރަސްމީ ރޭޓަކީ 15.42 ކަމުގައި ވިޔަސް، މާކެޓުގައި ޑޮލަރުގެ ރޭޓު އަދި ހުރީ ހުންނަންޖެހޭ މިންގަނޑެއްގައި ނޫން ކަމަށެވެ. ނަމަވެސް، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ނޮވެމްބަރު ސަތާރަ، ދެ ހާސް ތޭވީސް ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި ދުވަސްވަރު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ ވަރަށް ބޮޑަށް އުފުލިފައި ކަމަށެވެ. އެހެންނަމަވެސް، މިހާރު ލިބޭ މަޢުލޫމާތުތަކަށް ބަލާއިރު އެ ރޭޓަށްވުރެ އަގު ދަށްކުރެވިފައިވާ ކަމަށާއި މިއީ އިގްތިޞާދީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
Ads by BMLމި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރަސްމީ ނޫން މީހުން ޑޮލަރެއް ވިއްކަމުން ދިޔައީ އޮނަވިއްސި ރުފިޔާއަށްވުރެ މަތީ އަގުތަކެއްގައެވެ. އަދި މި ފަހުން އެ އަދަދު މާ މަތިވެގެން ދިޔައެވެ.
މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ވިޔަފާރިވެރިންނާއި، ޚާއްސަކޮށް ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެ ފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށާއި ތިރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި، މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ސައީދު އެރުވިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފައެވެ. އެ އިސްލާހުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު ފަނަރަ މިލިއަނުން ފަނަރަވިހި މިލިއަން ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން، ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ އާމްދަނީގެ ސާޅީސް އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް، ބޮލަކަށް ފަސްސަތޭކަ ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު އެ ގާނޫނުން ވަނީ އުނިކޮށްފައެވެ.
ގެސްޓްހައުސް ހިމެނޭ ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ފަސްވިހި ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ ވިހި އިންސައްތަ މާރުކުރަންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ.
މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
Ads by MACL
