ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އަށް، މިއީ ރައްޔިތުން ރައީސްއަށް ކުރާ އިތުބާރާއި ތާއީދު ދައްކައިދޭ ކަމެއް: ފަލާހް
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 80،000 އާ ގާތްކޮށް، އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި ރެކޯޑުކުރެވިއްޖެއެވެ.
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، 2019 ވަނަ އަހަރު އުފެދުނު ޕީއެންސީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގާތްގަނޑަކަށް 3،000 އެއްހާ މެންބަރުން ތިބި ޕާޓީއެއް ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ އަދަދު 80،000 އާ ގާތްކުރުމަކީ ރައީސް އެ ޕާޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ދެއްވާ ހާއްސަ ސަމާލުކަން ހާމަވާ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހް ފާހަގަކުރެއްވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ރެކޯޑުތަކުން މިހާރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ޕީއެންސީ ފެންނަން އޮތް އޮތުމަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ތާރީޚުގައި އެއް ޕާޓީއަކަށް މިހާ ބޮޑު ތާއީދެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މި ބޮޑު ކުރިއެރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށް އާންމު ރައްޔިތުން ދޭ ތާއީދާއި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރުގެ ނަތީޖާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLމީގެއިތުރުން، ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްއާ ގުޅިގެން ޕީއެންސީއަށް އިތުރު މެންބަރުން ގުޅެމުންދާނެ ކަމަށާއި، ޕާޓީގެ މެންބަރުންގެ އަދަދު 100،000 (އެއް ލައްކަ) އަށް ވުރެ ގިނަ ކުރުމަކީ މިހާރުގެ މައިގަނޑު އަމާޒު ކަމުގައިވެސް ފަލާހް ވިދާޅުވިއެވެ.
Ads by MACL
