ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓީޓީ ހެދުމަށްފަހު މުދާ ނުގެންނަ މައްސަލަތަކެއް ފާހަގަކުރެވިފައިވޭ، ޑްރަގް ވިޔަފާރިވެސް ކުރޭ: އިހުސާން

ޓީޓީ ހެދުމަށްފަހު މުދާ ނުގެންނަ މައްސަލަތަކެއް ފާހަގަކުރެވިފައިވޭ، ޑްރަގް ވިޔަފާރިވެސް ކުރޭ: އިހުސާން

ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭންކުތަކުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށްފަހު އެ މުދާ ރާއްޖެއަށް ނުގެންނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މި ކަން ފާހަގަކުރެވުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރެވުނު މަސައްކަތްތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޓީޓީ ހަދައިގެން ގެންނަ މުދާ ލިބުން ލަސްވުމުން އެއީ އެޑްވާންސް ޕޭމަންޓް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އަހަރެއް ވާިއރުވެސް އެ މުދާ ރާއްޖެއަށް އައިސްފައި ނުވާކަން ވަނީ އެނގިފައެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ބައެއް ހާލަތްތަކުގައި އެއީ ކުރިން ލިބިފައިވާ މުދަލަށް ދައްކަންޖެހޭ ބާކީ ފައިސާ ކަމަށް ބުނެ އިންވޮއިސް ހުށަހެޅި ނަމަވެސް، އެ މުދާވެސް ރާއްޖެއަށް އެތެރެކޮށްފައި ނުވާ ކަމަށެވެ.

މިއީ ވިޔަފާރީގެ ނިވާފަތްގަނޑުގައި ހިންގާ މަނީ ލޯންޑްރިންގެ އަމަލުތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށާއި ބިދޭސީންގެ މުސާރަ ބޭރަށް ފޮނުވުމަށް މި ރޫޓު ބޭނުންކުރަމުންދާކަން ތަހުގީގުތަކަށް އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަތަކީ ޖިނާއީ މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ގާނޫނުތަކަށް އެންމެންވެސް ބޯލަނބަންޖެހޭނެ ކަމަށާއި، ގާނޫނެއް ކުރިން ތަންފީޒުނުކޮށް އޮތުމަކީ ކުށަށް އަރައިގަތުމަށް ލިބޭ ފުރުސަތެއް ކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.