އަތޮޅުތަކުން: ތ. ގުރައިދޫ އެއާޕޯޓް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ
ތ. ގުރައިދޫ އެއާޕޯޓް ތަރައްގީކުރުމުގެ ގޮތުން ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި އަޅާ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތަކާއި ޖިއޯ ބޭގް ރިވެޓްމެންޓް އެޅުމުގެ މަސައްކަތްތަކެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ގުރައިދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށާއި، އަލަށް ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ފަރުމާކޮށްގެން ކުރިއަށްގެންދާ މުހިންމު އުމްރާނީ މަސައްކަތެކެވެ.
Ads by BMLގުރައިދޫ އެއާޕޯޓް މަޝްރޫއަކީ އެ އަތޮޅުގެ ދަތުރުފަތުރާއި އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު، ރައްޔިތުންގެ ކުންފުނި އެމްޓީސީސީން އަންނަނީ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ތާވަލާ އެއްގޮތަށް އަވަހަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަޝްރޫއުގެ އިތުރު އަދާހަމަތަކާއި ތަފްސީލީ މައުލޫމާތު އެމްޓީސީސީގެ މަޝްރޫއުތަކަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމުވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
Ads by MACL
