ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހިރާއްޖެއިން ސާބިއާއަށް ކަނޑައެޅި ފުރަތަމަ ސަފީރުގެ ފަތްކޮޅު ރައީސް ވުޗިޗަށް އަރުވައިފި

ދިވެހިރާއްޖެއިން ސާބިއާއަށް ކަނޑައެޅި ފުރަތަމަ ސަފީރުގެ ފަތްކޮޅު ރައީސް ވުޗިޗަށް އަރުވައިފި

ދިވެހިރާއްޖެއާއި ސާބިއާއާ ދެމެދު އޮތް ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން، ރާއްޖެއިން އެ ޤައުމަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސާބިއާގެ ރައީސް އެލެކްސެންޑަރ ވުޗިޗަށް މިއަދު ރަސްމީކޮށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ބެލްގްރޭޑްގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު "ޕެލެސް ސަރބިއާ" ގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ސާބިއާގެ ރައީސާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެމަނިކުފާނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ސަފީރު ޝަބީނާ ވަނީ ރައްދުކުރައްވާފައެވެ. އަދި ރާއްޖެއިން ސާބިއާއަށް ކަނޑައެޅި ފުރަތަމަ ސަފީރުގެ ޙައިސިއްޔަތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމަށް މިންނެތް މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ސާބިއާއަށް އެކި ޤައުމުތަކުން ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު މާރކޯ ޑުރިޗް ދެއްވި ރަސްމީ ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ސާބިއާގެ ޚާރިޖީ ވުޒާރާގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ވެރިޔާ މިސް އެލޭނާ މާރކޮވިޗާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން އަދި ތަޢުލީމީ ދާއިރާއިން ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންދަވާފައެވެ.

ސަފީރު ޝަބީނާގެ މި ރަސްމީ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންނެވިއެވެ.