ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި؛ އެއްވަނައިގައި ޗައިނާ މާކެޓް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި؛ އެއްވަނައިގައި ޗައިނާ މާކެޓް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުގެ މަގާމު ޗައިނާއިން ހޯދައިފިއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %3.4 ގެ ދަށްވުމެކެވެ. މީގެ އިތުރުން މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި 60،000 އަށްވުރެ ގިނަ މީހުން ރާއްޖެ އައިސްފައިވާއިރު، އެއީ ވެސް ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %1.3 ދަށް އަދަދެކެވެ.

މާކެޓް ހިއްސާއަށް ބަލާއިރު އެންމެ ކުރީގައި އޮތް ޗައިނާއިން މިހާތަނަށް 278,605 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 217,889 ފަތުރުވެރިން އައިއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 114,735 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން ގަދަ ފަހެއްގައި ހިމެނެނީ 95,164 ފަތުރުވެރިންނާއެކު އިޓަލީ އަދި 92,284 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތެވެ.

މިއަހަރުގެ ތެރޭގައި އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އެތެރެވީ ފެބުރުވަރީ މަހުގައެވެ. އެ މަހު އެކަނިވެސް 254,556 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުން 1,091,228 މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި 328,203 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން ހޮޓާތަކުގައި 34,346 މީހުން އަދި ސަފާރީ އުޅަނދުތަކުގައި 27,913 ފަތުރުވެރިން ވަގުތު ހޭދަކޮށްފައިވެއެވެ.

ރާއްޖެއަށް އެތެރެވި ދޮރޯށިތަކަށް ބަލާއިރު، ގާތްގަނޑަކަށް ހުރިހާ ފަތުރުވެރިންހެން ދަތުރުކޮށްފައިވަނީ ވައިގެ މަގުންނެވެ. ވައިގެ މަގުން ޖުމްލަ 1,497,595 މީހުން އެތެރެވިިއިރު، އޭގެ ތެރެއިން %97.8 ހިއްސާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ދެން އެންމެ ގިނައިން މީހުން އައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން 5,252 މީހުން، މާފަރުން 4,791 މީހުން، އަދި ހަނިމާދޫން 3,171 މީހުން ވަނީ އެތެރެވެފައެވެ. އަދި ކަނޑުމަގުން އެތެރެވީ 15,583 ފަތުރުވެރިންނެވެ.