އަތޮޅުތަކުން: ރ. ދުވާފަރުގައި އިމާރާތްކުރާ އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބާރަށް ކުރިއަށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރ. ދުވާފަރުގައި ތަރައްގީކުރާ އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ ކުންފުނި ކަމަށްވާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އޮފީސް އިމާރާތުގެ ތަނބުތައް ކާސްޓްކުރުމުގެ (ތަނބުތަކަށް ކޮންކްރީޓް އެޅުމުގެ) މަސައްކަތެވެ. މިއީ ގައުމު ބިނާކުރުމުގައި އެމްޓީސީސީގެ ޓީމުން އަދާކުރަމުންދާ މުހިންމު ދައުރުގެ ތެރެއިން ކުރިއަށްގެންދާ ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.
މި ޕޮލިސް ސްޓޭޝަން އިމާރާތްކޮށް ނިމުމުން، ރ. އަތޮޅުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި އަތޮޅު ފެންވަރުގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއީ ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
Ads by BMLމި މަޝްރޫއާ ގުޅޭ އެންމެ ފަހުގެ އަދާހަމަތަކާއި ކުންފުނީގެ އެހެނިހެން މަޝްރޫއުތަކުގެ ތަފްސީލުތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް އިން އާންމުންނަށް ފެންނަން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
Ads by MACL
