އަތޮޅުތަކުން: ވ. ފެލިދޫ ހޮސްޕިޓަލްގެ މައި އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ބާރަށް ކުރިއަށް
ވ. ފެލިދޫގައި ތަރައްޤީކުރާ އާ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ރައްޔިތުންގެ ކުންފުނި ކަމަށްވާ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ފެލިދޫގެ އިތުރުން މުޅި ވ. އަތޮޅުގެ ރައްޔިތުންނަށްވެސް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ހޮސްޕިޓަލްގެ މައި އިމާރާތުގެ ފުޓިންގ އެޅުމާއި، ޝަޓަރިންގ އަދި ރީއިންފޯސްމަންޓްގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ހަލުވިކަމާއެކު ކުރިއަށްދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ޤައުމު ބިނާކުރުމުގައި އެމްޓީސީސީގެ ޓީމުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކޮށް، އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ފަރުވާދޭ ތަންތަނާއި އެހެނިހެން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. ފެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން، އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އެމްޓީސީސީން ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއި އަދާހަމަތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
Ads by MACL
