ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މެލޭޝިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ކާމިޔާބު ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އެނބުރި ޤައުމަށް ފުރާވަޑައިގެންފިއެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެރުވި ދަޢުވަތަކަށް ކުރެއްވި ޒިޔާރަތެކެވެ.
ހޯމަ ދުވަހުގެ ރޭ މެލޭޝިއާގެ ވަފުދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. އެއަށްފަހު އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ އިއްޒަތުގެ ހަފުލާގައި، 21 ބަޑީގެ ސަލާމަކާއި އެމްއެންޑީއެފްގެ ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ. އަދި ދަރިވަރުންގެ ސަގާފީ ހަރަކާތްތަކަށްފަހު، ބެރު ދުންމާރި ތާޅަފިއްޔާއި ހަތްކޮޅާއެކު ރައީސް އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހިންގަވާފައެވެ.
Ads by BMLމި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު މަތީ ފެންވަރުގެ މަޝްވަރާތަކުގައި، ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ. ޚާއްޞަކޮށް ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ދެ ސަރުކާރުގެ ދެމެދުގައި ސޮއިކޮށް، އެއްބަސްވުންތައް ބަދަލުކުރެވުނެވެ. މި ބައްދަލުވުމަށްފަހު ދެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާނެއް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، ބޮޑުވަޒީރުގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމީ ފަރިއްކޮޅުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައިވާ އިސްލާމީ އުޚުއްވަތްތެރި ގުޅުމަށް ތަޢުރީފުކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
Ads by MACL
